logo

އަހަރެންނަށް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ދުނިޔޭގެ ޗާޓުން އިސްރާއީލު ފޮހެލާނެ: ޓްރަމްޕް

profile

ސައިފް އަޒުހަރު - 20 ސެޕްޓެމްބަރު 2024 - 14:37

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް:

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް:

އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ އިސްރާއީލު ނައްތާލައި ދުނިޔޭގެ ޗާޓުންވެސް އިސްރާއީލު ފޮހެލާނެ ކަމަށް، އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، ވެރިރަށް ވޮޝިންޓަންގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ވޮޝިންޓަންގައި ބޭއްވި ކެމްޕެއިން 2 އެއްވުމުގައިވެސް ޓްރަމްޕްވަނީ، އިސްރާއީލަށް ތާއީދުކޮށް ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައެވެ.

ފުރަތަމަ އެއްވުން ބޭއްވީ "އެމެރިކާގައި އެންޓި ސެމިޓިޒަމްއާ ދެކޮޅަށް ހަނގުރާމަކުރުން" މި ތީމުގެ ދަށުންނެވެ.

މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕްވަނީ، ރިޔާސީ އިންތިޚާބުގައި އޭނާއާ ވާދަކުރައްވާ މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސް ބަލިކުރުމަށްޓަކައި އިސްރާއީލުން އޭނާއަށް އެހީތެރިކަން ދޭންޖެހޭ ކަމަށެވެ.

ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށްވުރެ ބޮޑަށް ކަމަލާ ހެރިސް ބަލިކުރުމަށްޓަކައި މަސައްކަތް ކުރަންޖެހެނީ އިސްރާއީލުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އިސްރާއީލުން މަސައްކަތްކޮށް ކަމަލާ ބަލިކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ އިސްރާއީލު ދުނިޔެއިން ފޮހެވިގެންދާނެ" ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްވަނީ، ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީގެ ސިޔާސީ ވަރަށް އިސް ބޭފުޅެއް ކަމަށްވާ ޗަކް ޝުމަރއަކީ "ހުރިހާ ގޮތަކުންވެސް ހަމާސް" އަދި "ފަލަސްތީނުގެ މީހެއް" ކަމަށް އެނާ ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ. ޗަކް ޝުމަރއަށް ނިސްބަތް ކުރައްވައި ޓްރަމްޕް މީގެކުރިންވެސް އެފަދައިން ވިދާޅުވެފައި ވެއެވެ.

އެކަމަކު ޗަކް ޝުމަރއަކީ އެމެރިކާގެ ޔަހޫދީއެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެކުރިން ވިދާޅުވެފައިވަނީ، އޭނާ ވެރިކަމުގައި ހުންނެވި ނަމަ ހަނގުރާމަ ދިގުލައިގެންދިޔަ ނުދެއްވީސް ކަމަށެވެ.

ނަމަވެސް، ޓްރަމްޕް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވަނީ، އިސްރާއީލަށް މިހާރު ހިނގަމުންދާ ހަނގުރާމަ ކުރުމުގެ "ހައްގު" ލިބިގެންވާ ކަމަށެވެ.

ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވާއިރު، އެމެރިކާގެ އާންމުންގެ ކުރިމަތީގައި ތިއްބެވި މައިގަނޑު 2 ކެންޑިޑޭޓުންނަކީ މިހާރުގެ ނައިބްރައީސް ކަމަލާ ހެރިސްއާއި، އިދިކޮޅުން ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕެވެ.

އެކަމަކު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ހެދި އެމެރިކާގެ އާބާދީގައި ހިމެނޭ މުސްލިމުންގެ ބޮޑު ނިސްބަތެއް، ކަމަލާ ހެރިސްއަކީ ޗޮއިސްއެއް ކަމަށް ނުދެކޭ ކަމަށް ބުދަދުވަހު ނެގި ޚިޔާލު ހޯދުމަކުން ވަނީ ދައްކާފައެވެ.

ސަބަބަކީ، ހަނގުރާމަ ނުހުއްޓި ދިގުލައިގެންދަނީ މިހާރުގެ ސަރުކާރުން ހުސްނުވާ ވަރަށް އިސްރާއީލަށް ހަތިޔާރުދީ، އަސްކަރީ އެހީތެރިކަމާއި، ޖާސޫސީ އެހީތެރިކަމާއި، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭތީ ކަމަށް އެމެރިކާގެ މުސްލިމުންވެސް ގަބޫލުކުރާތީއެވެ. އަދި ކަމަލާ ހެރިސްއަކީ މިކަމުގެ ބައިވެރިއެއް ކަމަށް މުސްލިމުން ގަބޫލުކުރާތީއެވެ.

އެކަމަކު، ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ކުރީގެ އެއްވެސް ރައީސަކަށް ކުރައްވަން ކެރިވަޑައި ނުގެންނެވި ކަމެއް ކުރެއްވި ބޭފުޅެކެވެ. އެއީ، އެމެރިކާގެ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތުތަކާއި، އދގެ ގަރާރުތަކާއި، ދުނިޔޭގެ އެންމެނާ ދެކޮޅަށް ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތުމަށް ނިންމެވުމެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރެވޭއިރު، އެ ދައުލަތުގެ ވެރިރަށުގައި ގޮތުގައިވާނީ ގުދުސްކަމަށް ފަލަސްތީނާއި، ބައިނަލްއަގްވާމީ މުޖުތަމައުވެސް ގަބޫލުކުރާއިރު، އަދި 1967 ގެ ހަނގުރާމައިގައި އިސްރާއީލުން ހިފި، ފަލަސްތީނުގެ އެއްވެސް ބިމަކީ އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި އދއާއި ދުނިޔެއިންވެސް ގަބޫލު ނުކުރާއިރު، ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމުގެ މަސައްކަތަށް ހުރަސްއެޅިގެންދިޔައެވެ.

tel:+9607331319