logo

ލުބުނާނަށް ހަފްތާއެއްތެރޭ ހަމަލާދީ 70 މަރު، އިސްރާއީލުގެ ބޭނުމަކީ ޣައްޒާގެ ފޯކަސް އަނބުރާލުން

profile

ސައިފް އަޒުހަރު - 21 ސެޕްޓެމްބަރު 2024 - 17:46

އިސްރާއީލު ސިފައިން ޑްރޯން ބޭނުންކޮށްގެން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިއްޔެ ދިން އުދުވާނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިންނާއި، 7 އަންހެނުންވެސް ހިމެނެއެވެ.

ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓަރ ފިރާސް އަބިއަދް ވިދާޅުވީ، އިއްޔެގެ ހަމަލާގައި 68 މީހުން ޒަޚަމްވި ކަމަށާއި، ޒަޚަމްވި މީހުންގެ ތެރެއިން 15 މީހަކަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާއިރު، 2 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

އިއްޔެގެ ޑްރޯން ހަމަލާތަކާއި، އޭގެ ކުރިން ޕޭޖަރުތައް ގޮއްވާލުމާއި، ވޯކީ-ޓޯކީ ހަމަލާތަކުގައި ލުބުނާނުން މި ހަފްތާ ތެރޭގައި އެކަނިވެސް 70 މީހުން މަރުވެފައިވާ ކަމަށް، ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

ޕޭޖަރުތައް ގޮއްވާލި ހާދިސާއާއި، ވޯކީ-ޓޯކީ ހަމަލާ އަދި އިއްޔެގެ ޑްރޯން ހަމަލާގައި ތިންހާހާ ގާތްކުރާ އަދަދަކަށް އާންމުން ޒަޚަމްވެފައި ވާއިރު، ޒަޚަމްވި މީހުންގެ ތެރެއިން 177 މީހަކު އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. އޭގެތެރެއިންވެސް 162 މީހުންގެ ހާލު ސީރިއަސް ކަމަށް ލުބުނާނު ސަރުކާރުން ބު ނެފައި ވެއެވެ.

އދއާއި، މުޅި ދުނިޔޭގެ ގާނޫނުތަކާ ޚިލާފަށް ލުބުނާނުގެ ވައިގެ ސަރަހައްދަށް ވަދެގަނެ، ވެރިރަށް ބެއިރޫތަށް އިސްރާއީލުން ހަމަލާދޭން ފަށާފައިވާއިރު، މިއީ، ޣައްޒާ ހަނގުރާމައިގެ ފޯކަސް ގެއްލުވާލަން އިސްރާއީލުން ރާވައިގެންކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން އެބަގެންދެއެވެ.

ލުބުނާނުގެ މަސްރަހަށް އެންމެން އެނބުރިފައި ވަނިކޮށް، އިސްތިއުމާރީ އިސްރާއީލުން މިއަދުވެސް ވަނީ، ޣައްޒާގެ ވެރިކަންކުރާ ގާޒާ ސިޓީގެ އިރުމަތީ ފަޅީގައި ހުންނަ އައް ޒައިތޫން ސްކޫލަށް ބޮންއަޅާފައެވެ.

މި ލާއިންސާނީ ޖަރީމާގައި 21 މީހުން ޝަހީދުވެ 30 މީހުން ޒަޚަމްވެފައި ވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި 13 ކުޑަކުދިންނާއި، 6 އަންހެނުން އަދި 3 މަހުގެ ތުއްތު ކުއްޖަކުވެސް ހިމެނޭ ކަމަށް ޣައްޒާ އިންފޮމޭޝަން އޮފީހުން ހާމަކޮށްފައި ވެއެވެ.

ދުނިޔޭގެ އެންމެންގެ ކުރިމަތީގައި، ނޫސްވެރިންނާއި، ކެމެރާތަކުގެ ކުރިމަތީގައި ފަލަސްތީނުގެ އިންސާނީ ދަރިފަސްކޮޅު އެކަށް ނައްތާލައި، ގެތަކާއި އިމާރާތްތައް ބިމާހަމަ ކުރަމުން ގެންދާއިރު، އަދި ލުބުނާނަށް އުދުވާނީ ހަމަލާތައް ފުޅާކޮށް، ދޭތެރެއަކުން ސޫރިޔާއަށް، ޔަމަނަށް އަދި އީރާނަށްވެސް ހަމަލާދެމުން ގެންދާ އިސްރާއީލަށް އެކަން ކުރުމަށް އެންމެބޮޑު ހިތްވަރެއް ދެމުންގެންދަނީ ހުޅަނގުގެ ގައުމުތަކުންނެވެ.

އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކޮށް ހުޅަނގުގެ ވެރިން ޗުއްޕުވެސް ނުބުނާއިރު، ފަލަސްތީނު މީހުންނަށް ހެޔޮ ބަހެއްވެސް ބުނެނުލައެވެ.

އެކަމަކު، ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދެމުން ގެންދާތީ ހުޅަނގުގެ ވެރިން އުޅުއްވަނީ އިންސާނީ ހައްގުތަކާއި، ކަރާމާތާއި، މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތް ކުރުމުގެ ނަމުގައި ޔޫކްރެއިނަށް ހަތިޔާރާއި ބިލިއަނުން ޑޮލަރު ފޮނުވުމުގައި އަވަދިނެތިއެވެ.

tel:+9607331319