logo

ސްރީލަންކާގެ ރިޔާސީ އިންތިޚާބު: ވަގުތީ ނަތީޖާއިން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އަނުރަ ކުމާރަ ޑިސަނަޔަކަ

profile

ސައިފް އަޒުހަރު - 22 ސެޕްޓެމްބަރު 2024 - 10:56

އަނުރަ ކުމާރަ ޑިސަނަޔަކަ:

އަނުރަ ކުމާރަ ޑިސަނަޔަކަ:

ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގުނައި ވަގުތީ ނަތީޖާތައް ހާމަކުރަމުންދާއިރު، މިހާތަނަށް ހާމަކުރި ނަތީޖާއިން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ނޭޝަނަލް ޕީޕަލްސް ޕަވަރ ކޯލިޝަންގެ ލީޑަރު، އުމުރުފުޅުން 55 އަހަރުގެ އަނުރަ ކުމާރަ ޑިސަނަޔަކައެވެ.

މިހާތަނަށް ގުނި ވޯޓުގެ 50 އިންސައްތަ އަނުރާ ވަނީ ކާމިޔާބު ކުރައްވާފައެވެ.

އަނުރަ ކުމާރަ ޑިސަނަޔަކައާ އެންމެ ގާތުން ދެވަނައަށް ވާދަކުރައްވާ، ސްރީލަންކާގެ އެންމެބޮޑު އިދިކޮޅު ޕާޓީ، ސަމަގި ޖަނަ ބަލަވެގަޔަގެ ލީޑަރު، އުމުރުފުޅުން 57 އަހަރުގެ ސާޖިތު ޕްރެމަދާސައަށް ލިބިވަޑައިގެންފައިވަނީ 26 އިންސައްތަ ވޯޓެވެ.

16 އިންސައްތަ ވޯޓާއެކު ތިންވަނަގައި އުޅުއްވަނީ ސްރީލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ. އަދި ހަތަރު ވަނައިގައި އުޅުއްވާ ސްރީލަންކާގެ ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާގެ ޒުވާން ލީޑަރު، އުމުރުފުޅުން 38 އަހަރުގެ ނަމަލް ރާޖަޕަކްސައަށް ލިބިވަޑައިގެންފައިވަނީ އެންމެ 3 އިންސައްތަ ވޯޓެވެ.

މި 4 ބޭފުޅުން ހިމެނިވަޑައި ގަންނަވާގޮތުން ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 39 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ އަކީ ޚާއްސަކޮށް ސްރީލަންކާގެ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލް ބޭފުޅެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އޭނާ ކަމަށް، ވޯޓުގެކުރިންވެސް ވަރަށް ބޮޑަށް ބެލެވެމުން ދިޔައެވެ.

އަނުރަ ކުމާރަ ޑިސަނަޔަކަ ވަނީ، އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ކޮރަޕްޝަނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށާއި، ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ރައްޔިތުންނަށް ވައުދުވެވަޑައި ގެންފައެވެ.

ވަގުތީ ނަތީޖާއިން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވާ އަނުރަ ކުމާރަ ޑިސަނަޔަކައަށް އެކި ފަރާތްތަކުން މަރްހަބާ ކިޔަމުން އެބަގެންދެއެވެ. އޭގެ ތެރޭގައި ސްރީލަންކާގެ މިހާރުގެ ފޮރިން މިނިސްޓަރ އަލީ ސަބްރީވެސް ހިމެނިވަޑައި ގަންނަވައެވެ.

އިއްޔެގެ ރިޔާސީ އިންތިޚާބަކީ، ސްރީލަންކާއަށް ދިމާވި އިގްތިސާދީ ކާރިޘާއާ ގުޅިގެން ރައްޔިތުން މަގުމައްޗަށް ނުކުމެ ފެށި މުޒާހަރާތަކަށްފަހު އެގައުމުގައި ބޭއްވި ފުރަތަމަ އިންތިޚާބެވެ.

އިއްޔެގެ އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ދިޔަ ނަމަވެސް، އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފެށުމާ ދިމާކޮށް ސްރީލަންކާގައި މިއަދު ހެނދުނު ވަނީ ކާފިއު ހިންގާފައެވެ. އަދި ކާފިއުގެ ވަގުތު މިހާރުވަނީ މެންދުރު ފަހަށް ދަންމާލާފައެވެ.

tel:+9607331319