ވިނީޝިއުސްގެ ހެޓްރިކުން ދެވަނަ ހާފްގައި އެނބުރި އައިސް ރެއާލްއަށް ފުރިހަމަ މޮޅެއް
ހަފްސީ އަބްދުﷲ - 23 އޮކްޓޯބަރު 2024 - 02:27
ހެޓްރިކް ހެދުމަށްފަހު ވިނީޝިއުސް ޖަރޒީ ދައްކާލަނީ: ފޮޓޯ-ރެއާލް މެޑްރިޑް
ވިނީޝިއުސްގެ ހެޓްރިކުން ދެވަނަ ހާފްގައި އެނބުރި އައިސް ބޮރޫޝިޔާ ޑޯޓްމަންޑް އަތުން ރެއާލް މެޑްރިޑް ފުރިހަމަ މޮޅެއް ހޯދައިފި އެވެ. ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ޑޯޓްމަންޑް އަތުން ރެއާލް މެޑްރިޑް މޮޅުވީ ފުރަތަމަ ހާފްގައި ޑޯޓްމަންޑުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް, ދެވަނަ ހާފްގައި ފަސް ލަނޑު ޖަހައިގެންނެވެ. މެޗު ރެއާލް މެޑްރިޑް ކާމިޔާބުކުރީ 5-2 ނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޑޯޓްމަންޑަށް ދެ ލަނޑުގެ ލިޑެއް ނަގައިދިނީ ޑޮންޔެލް މަލެން އާއި ޖެމިން ގިޓެންސް އެވެ. މިއާއެކު 20 އަހަރުގެ ގިޓެންސް ވެފައިވަނީ ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖެހި އިނގިރޭސި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ޑޯޓްމަންޑުން ރެއާލް ކޮޅަށް ދެ ލަނޑު ޖެހީ ހަތަރު މިނިޓްގެ ތެރޭގައެވެ. ރެއާލްގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނިޓްގައެވެ. ފުރަތަމަ ގޯލް ޖަހައިދިނީ އެންޓޯނިއާ ރުޑިގާ އެވެ.
އޭގެ މިނިޓެއް ފަހުން ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއުސް ޖޫނިއަރ އެވެ. 83 ވަނަ މިނިޓްގައި ރެއާލްއަށް ލީޑް ނަގައިދިނީ ކެޕްޓަން ލޫކަސް ވަޒްކުއޭޒް އެވެ. އޭގެ ދެ މިނިޓް ފަހުން ވިނީޝިއުސް އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ހެޓްރިކް ހެދިއެވެ. ވިނީޝިއުސް ވަނީ ހެޓްރިކް ހެދުމަށްފަހު ޖަރޒީ ބާލާ މީގެކުރިން ރެއާލްގައި ރޮނާލްޑޯ ހެޓްރިކް ހެދުމަށްފަހު އަމަލުކުރި ގޮތަށް ޖަރޒީ ދައްކާލާފައެވެ.
މެޗަށްފަހު ކޯޗު ކާލޯ އެންޗެލޮޓީގެ ތައުރީފް އޮއްސާލީ ވިނީޝިއުސް ޖޫނިއަރ އަށެވެ. އެންޗެލޮޓީ ބުނީ މެޗުގައި ވިނީޝިއުސްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް އަދި ހިތްވަރެއް ނޫން ކަމަށެވެ.
"އޭނާ (ވިނީޝިއުސް) އެ ކުޅުނުގޮތަށް ކުޅުންތެރިއަކު ދެވަނަ ހާފުގައި ކުޅުމަކީ އާދައިގެ ކަމެއްނޫން" އެންޗެލޮޓީ ބުންޏެވެ.
އަންނަ ހަފްތާގައި ބެލެންޑޯ އެވޯޑް ހަފްލާ އޮންނައިރު, ވިނީޝިއުސް އަކީ އެވޯޑް އުފުލާލުމުގެ ފުރުޞަތު އެންމެ ބޮޑު ކުޅުންތެރިޔާވެސް މެއެވެ. އަދި އެންޗެލޮޓީގެ ނަޒަރުގައި އެއެވޯޑްގެ ހައްގުވެރިއަކީވެސް ވިނީޝިއުސް ޖޫނިއަރ އެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން ބަލިވި އެވެ. މިމޮޅުން ހިތްވަރު ލިބިގެން ރެއާލް މެޑްރިޑް ހޮނިހިރު ދުވަހު ނިކުންނާނީ މިސީޒަންގެ ފުރަތަމަ އެލްކްލެސިކޯ މެޗަށެވެ. ބާސެލޯނާއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް
އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑަށް ދެވަނަ ބައްޔެއް!
3 މަސް ކުރިން
ލުއިސް ޑިއާޒްގެ ހެޓްރިކާްއެކު ލެވަކޫސަންގެ މައްޗަށް ލިވަޕޫލުން ބޮޑު މޮޅެއް!
3 މަސް ކުރިން
ބެންފީކާ އަތުން ލިބުނު ހަނި މޮޅުން, ބަޔާން އަށް ހިތްހަމަ ޖެހުމެއް
3 މަސް ކުރިން
ރެއާލް މެޑްރިޑްވެސް ބަލިކޮށް, ލިވަޕޫލް އިތުބާރާއެކު އެއް ވަނަ އަށް
2 މަސް ކުރިން