logo

މިވަގުތަށް މަސް ގަންނަ އަގަށް ބަދަލެއް ނުގެންނަނީ ދުނިޔޭގެ ބާޒާރުގައި އަގު ދަށަށް ދާތީ: މިފްކޯ

profile

ޝުރުފާ މުހަންމަދު - 02 ސެޕްޓެމްބަރު 2024 - 19:32

މިފްކޯ

މިފްކޯ

މާކެޓުގެ އަގާއި އެއްގޮތަށް މިފްކޯއިން ކަނޑުމަސް ގަންނަ އަގު ބަދަލުކުރާގޮތަށް ނިންމި ދުވަހުން ފެށިގެން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް އެދުވަހުން ފެށިގެން އަދިވެސް ހެޔޮ ބަދަލެއް އައިސްފައިނުވާތީކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަންވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވާތީއާއި އެކީ، އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީނަމަވެސް، މިފްކޯއިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމުގައެވެ. އަދި މަހުގެ އަގު ބަދަލު ކުރިއިރު، މަސް ގަތް އަގު ކަމަށްވާ 16 ރުފިޔާގެ ރޭޓުން މިފްކޯއަށް މަސް ކިރަމުންދިޔަކަމުގައިވީނަމަވެސް، އެކަމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ.

އެގޮތުން ކުންފުނިން މިވަގުތު މަސައްކަތްކުރަނީ ބާޒާރުގައި މަހުގެ އަގު ރަނގަޅުވަންދެން 16 ރުފިޔާއަށްވުރެ ދަށް ނުވާގޮތަށް އަގު ހިފެހެއްޓުމަށްފަހު އަގު މައްޗަށް ޖެހުމުން، މަސްވެރީން އަތުން ރަނގަޅު އަގުގައި ކޮލެޓީ މަސް ގަތުމަށް ކަމުގައި މިފްކޯއިން ބުންޏެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.

މިއަހަރު މިފްކޯއަށް މަސް ކިރުވި އަދަދު، ވޭތިވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %42 ވަނީ ދަށްވެފައެވެ. މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ދަށްވެފައިވާއިރު، ފްރޯޒަން ކަނޑުމަހުގެ ޝިޕްމަންޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ ކުރިންވެސް އެވްރެޖުކޮށް 16ރ ގެ ރޭޓުން މިފްކޯއިން މަސް ގަންނަމުން ދިޔައިރުވެސް ސަރުކާރުން މަހެއްގެ މައްޗަށް 20 މިލިއަނާއި 25 މިލިއަނާއިދެމެދުގެ އަދެއް ސަބްސިޑީގެ ގޮތުގައި މިފްކޯއަށް ދިޔައީ ދެމުންނެވެ. އަދި މިހާރުވެސް މަހުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކުންފުންޏަށް ސަރުކާރުގެ ސަބްސިޑީ ބޭނުންވެއެވެ.

އެހެންކަމުން، ސަރުކާރުގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިކަމާއި، މަސްވެރިކަން ހީނަރުވުމުގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯއަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިލާންޖެހިފައިވާ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ. މިހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސްކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާއި ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން ކަމުގައި މިފްކޯއިން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެކަމުގައި އެކުންފުނިން ބުނެއެވެ. މިފްކޯއަށާއި، ސިނާއަތަށް މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނާންދެން މަޑުކޮށްގެން ތިބުންކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިފްކޯއިން ބުނީ މިއަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައިވެސް މަސްވެރިކަން ހީނުކުރާ މިންވަރަށް ދަށަށް ދިިޔަ އަހަރަކަށް ވާއިރު، އަހަރު ނިމެން 3 މަހަށް ވެފައި އޮތްއިރު، މިފްކޯއަށް މިހާތަނަށް ކިރުނީ 26،000 ޓަނުގެ މަސް ކަމަށެވެ. އަހަރެއްގެ މައްޗަށް އެވްރެޖުކޮށް މިފްކޯއަށް 67،000 ޓަނުގެ މަސް ކިރާއިރު މިދިޔަ އަހަރަކީ ރިކޯޑު އަހަރެއް ކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ. އެގޮތުން މިދިޔަ އަހަރު މިފްކޯއަށް 72،000 ޓަނުގެ މަސް ކިރާފައިވެ އެވެ.

tel:+9607331319