logo

މަޑުއްވަރީ އައިސް ޕްލާންޓު މިފްކޯގެ ދަށަށް!

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 19:20

އައިސް ޕްލާންޓު މިފްކޯގެ ދަށަށް  ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ރ. އަތޮޅު މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އެރަށުގެ އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް މަޑުއްވަރީ އައިސް ޕްލާންޓާއި މިފްކޯއިން ހަވާލުވީ މިއަދެވެ.

އެގޮތުން އެރަށުގެ ކައުންސިލް އިދާރާގައި އެތަނާއި ހަވާލުވުމުގެ އެއްބަސްވުމުގައި މިފްކޯއިން ވަނީ ސޮއިކޮށްފައެވެ.

މިފްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނި ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު (ޗޯޓު) އެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ، މިއަދުން ފެށިގެން މިފްކޯއިން މަޑުއްވަރީގެ އައިސް ޕްލާންޓާއި ހަވާލުވެ ހިދުމަތް މިހާރު ފެށިފައިވާ ކަމުގައެވެ. އަދި އެތަން މިހާރު ބަލަހައްޓަމުން ދަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ގެ އިންޖިނިއަރުންގެ ޓީމުގެ ފަރާތުން ކަމުގައި ވިދާޅުވިއެވެ.

"މި ފެށި ހިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައިވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ". މުއާޒު އަލީ

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ސޯދިގު ވިދާޅުވީ ދެން އެރަށުގެ އައިސް ޕްލާންޓު ބަލަހައްޓާނީ މިފްކޯއިން ކަމަށާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުންވެސް މިހާރު އެކުންފުނިން ހަމަޖައްސާފައިވާ ކަމުގައެވެ.

"މިހާރު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ. މިފްކޯގެ ކޭޝިއަރަކާއި ޓެކްނީޝަނުން އެބަތިބި. އަދި މަސްވެރީންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ." މުހައްމަދު ސޯދިގު

މަޑުއްވަރީ އައިސް ޕްލާންޓަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ހިދުމަތް ދޭން ފެށި ތަނެކެވެ. އެއީ މަސްވެރީންގެ ދުވަހާއި ގުޅިގެން ދިމާކޮށް ހުޅުވުތަނެއްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

tel:+9607331319