logo

44 ދޯންޏަކުން 135ޓަނުގެ މަސް ކިރައިފި

profile

އާމިނަތު ޝަފާ - 04 ސެޕްޓެމްބަރު 2024 - 19:34

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އިއްޔެ މިފްކޯއިން 44 ދޯންޏަކުން 135 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯއިން އަންނަނީ މަސްކިރާފައިވާ އަދަދުތައް ހިއްސާކުރަމުންނެވެ.

މިފްކޯއިން ބުނީ މި ދޯނިތަކުގެ ތެރޭގައި މިފްކޯއިން ހިލޭ އައިސް ދޫކޮށްފައިވާ ދޯނިތައްވެސް ހިމެނޭކަމަށެވެ.

މިފްކޯއިން އަދާހަމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޯގަސްޓުމަހުގެ 25 ވަނަ ދުވަހު 24 މަސް ދޯންޏަކަށް ޖުމްލަ 68 ޓަނު އައިސް ދޫކޮށްފައިވެއެވެ. އެގޮތުން ގދ.ތިނަދޫ އައިސް ޕްލާންޓުން 5 ދޯންޏަކަށް 15 ޓަނު އައިސް އެކުންފުނިން ދޫކޮށްފައިވެއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން 4 ދޯންޏަކަށް 8 ޓަނު އައިސް ދޫކޮށްފައިވާއިރު، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން 15 ދޯންޏަކަށް 45 ޓަނު އައިސް ދޫކުރިއެވެ.

ކޮންމެ ހަފްތާއަކުވެސް މަހުގެ އަގު މިފްކޯއިން ރިވިއުކުރަމުން އަންނައިރު މިވަގުތު އައިސް އެޅޭ ކޮލިޓީ މަސް ގަންނަނީ ކިލޯއެއް 16 ރުފިޔާއަށްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިފްކޯއިން ބުނީ އަގު ބޮޑުކުރުމާއި ކުޑަކުރުން ބިނާވަނީ ކުންފުންޏަށް ގެއްލުން ނުވާގޮތައް ބާޒާރުގައި އެވަގުތަކު ހިފެހެއްޓެން އޮތް އަގަކަށް ބަލައިގެންކަމަށެވެ.

އޯގަސްޓް މަހުގެ 9 އިން 23 އަށް 445 ޓަނަށްވާ ދެ ހަފްތާގެ ފައިސާ މި ހަފްތާގެ ތެރޭގައި އޮޑިވެރީންނަށް ވަނީ ޖަމާކޮށްފައެވެ. އެއީ 7 މިލިއަން ރުފިޔާއެވެ. ދެން މިފްކޯއިން ދޫކުރާނީ އޯގަސްޓު 24 އިން ސެޕްޓެމްބަރު 9 އާއި ދެމެދަށްވާ 2 ހަފްތާގެ މުއްދަތުގެ ފައިސާއެވެ.

ސަރުކާރާއި މިފްކޯގެ ކޭޝްފްލޯގެ ދަތިކަމުގެ މި ހާލަތުގައިވެސް ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުގެ އިތުރުން، ސަރުކާރާއި، ފިޝަރީޒް މިނިސްޓްރީން ގުޅިގެން މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

tel:+9607331319