logo

ކަނޑުއޮތްގިރީގައިހުރި މަސްކާރުހާނާ ފެލިވަރަށް ، އަންނަމަހު އޮޕަރޭޝަން ފަށަނީ

profile

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 19:45

ކަނޑުއޮތްގިރި އިންސްޕެކްޓް ކުރުމުގެ ތެރެއިން

ކަނޑުއޮތްގިރި އިންސްޕެކްޓް ކުރުމުގެ ތެރެއިން

ކަނޑުއޮތްގިރީގައި މިފްކޯއިން ހިންގަމުންއައި މަސް ފެކްޓަރީ ފެލިވަރަށް ބަދަލުކޮށް އަންނަ މަހު އޮޕަރޭޝަން ފެށޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ ހުޅުމާލެއިން ބިން ލިބެންދެން ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ވަގުތީގޮތުން ފެލިވަރުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކަނޑުއޮތްގިރި ރިލޯކޭޝަން މަސައްކަތް ނިމެން ބާކީ 5 ދުވަހަށް ވެފައިވާއިރު މަސައްކަތުގެ 90 އިން ސައްތަ މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރަމުންދަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެރަށުން ބޭލުމުގެ މަސައްކަތްކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތަކަށް ވުމުން ލަސްކަމެއް އައިސްދާނެ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

މިމަހުގެ 15 ގެ ކުރިން ތަން ހުސްކުރަން ޖެހޭތީ އިތުރު ކުޑަ މުއްދަތެއް ހޯދުމަށް އެމްއެންޑީއެފާއި މަޝްވަރާކުރަމުން ދާއިރު ހުޅުމާލެއިން ވަކި ބިމެއް އަދި ހަމަޖެހިފައިނުވާކަމަށް މިފްކޯއިން މައުލޫމާތު ދެއެވެ. އެކަމުގައި ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާއެކު ކުރެވެމުންދާ ކަމަށާއި ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ބިމެއް މިފްކޯއަށް ލިބިގެންދާނެކަމަށް އުއްމީދުކުރާ ކަމަށްވެސް މިފްކޯއިން ބުނެއެވެ.

ކަނޑުއޮތްގިރީގައި ކަންނެލީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޓަކައި މަސައްކަތް ކުރެވެމުންދިޔަޔަސް އަދި ދިގު މުއްދަތަކަށް އެ މަސައްކަތްތައް ކުރެވުނު ނަމަވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.

ގެނެވުނު ބަދަލާއެކީ އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.

ކަނޑުއޮތްގިރިއަކީ ބޮޑު ކަންނެލި ގަތުމަށް ހަދާފައިވާތަނެއް ނަމަވެސް ބަނދަރުގެ މައްސަލަ ދިމާވެ އެކި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ.

tel:+9607331319