logo

މާފުށީ ޖަލުގެ ގޯތި ތެރެއިން ވަދެވުނީ 20 ވަނަ ގަރުނުގެ ތެރެއަށް!

profile

ޒިދާން މުޙައްމަދު - 30 އޯގަސްޓު 2024 - 13:28

މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން

މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން

ކ. މާފުށިން - ޒިދާން މުޙައްމަދު:

މާލޭން ފުރައިގެން މިއަތޮޅު މާފުށްޓަށް ދަތުރުކުރަމުންދިޔަ ލޯންޗު "ގާތްކުރާނީ ޖަލާ ދިމާއަށް" ކަމަށް ޖެހިގެން އިން އެކުވެރި ނޫސްވެރިޔާ ބުނެލުމުން، އަހަރެންގެ ޝައުގުވެރިކަން އިތުރުވިއެވެ. މާފުށީގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބާއްވާ "ދިވެހި ސަޤާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތު އޮތީ، މާފުށީ ޖަލުގައި ކަމެއް އެއިރަކު އަހަރެންނަަކަށް ނޭނގެއެވެ.

ނަމަވެސް، ރަށާ ގާތްވި ގާތްވިހެން، ފެންނަމުންދިޔައީ ޝައުގުވެރިކަމާ އެކު ބަލާލަން އިނދެވުނު މަންޒަރުތަކެވެ. އެ މަންޒަރުތައް ފޯނަށް ރެކޯޑްކުރަމުން ދިޔައީ، ހަނދާނާއި ތާރީޚަށްޓަކައި ފަހަަށް ރައްކާކުރުމަށެވެ.

މީގެ ކުރިންވެސް މާފުށީ ބޭރުން ދަތުރުކުރާއިރު، ޖަލުގައި ގައިދުކޮށްފައިވާ މީހުން، މުޖުތަމަޢުއާ ވަކިކުރުމަށް، ރާނާފައިވާ ހަމީޓަރުގެ އުސް ވަށަފާރު ދުށީމެވެ. ނަމަވެސް، ޖަލަށް ގައިދީން ވައްދައިނެރުމަށް ހުންނަ މައި ގޭޓާ ވީފަޅިން، މާފުށްޓަށް ލޯންޗު ގާތްކޮށް ފައިބައި އެތަން ގާތުން ދުށް މިއީ ފުރަތަމަ ފަހަރުކަމުން އިތުރު ޝައުގުވެރިކަމެއް އުފެދުނެވެ. ކަން ދިމާކުރި ގޮތުން، އިވެންޓް އޮތީ މާފުށީ ޖަލުގެ ގޯތި ތެރޭގައެވެ. އެކުވެރި ނޫސްވެރިންނާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި ކަރެކްޝަނަލް އޮފިސަރުންނާއެކު ޖަލުގެ ގޯތި ތެރެއަށް ވަންއިރު ފުރަތަމަވެސް ފެނުނު މަންޒަރުން ހައިރާންވިއެވެ. މާފުށީ ޖަލުގެ ގޯތި ތެރެ ސިފަވީ ސަޤާފީ ޢީދަކަށް ތައްޔާރުކޮށްފައިވާ ތަނެއްގެ ގޮތުގައެވެ.


މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން


ހެނދުނުގެ ހޫނުގަދަ ވަގުތުކަމަށްވެފައި ދަތުރުގެ ވަރުބަލިކަންވެސް ކޮންމެވެސް ވަރަކަށް ހުރީތީ، އަހަރެމެން ފުރަތަމަަ އަވަސްވެގަތީ ހެނދުނުގެ ނާސްތާ ނެގުމަށެވެ. ހެނދުނުގެ ސައި އޮތީ ޖަލުގެ ކެންޓީނުގައެވެ. ސައި ބޮއި ހަށިގަނޑުގައި ރަނގަޅަށް ވަރުޖައްސާލައިގެން، ދެން އަހަރެމެން ތައްޔާރުވީ އިވެންޓްގެ ކަވަރޭޖަށެވެ.


އިވެންޓް އޮތް ތަނަށް ރަނގަޅަށް ވެދެވުނު ހިސާބުން އަދި މާބޮޑު ހައިރާން ކަމެއް ލިބުނެވެ. ހުރެވުނީ ޖަލެއްގެ ގޯތިތެރޭގައިކަން ހަނދާނުން ކައްސާލައި މީހާގެ ސިކުނޑި ގޮސް އެ ހުއްޓުނީ 20 ވަނަ ގަރުނަށެވެ. 21 ވަނަ ގަރުނުގެ މިކިޔާ ޖެން-ޒީއަކަށް އަހުރެން ވިޔަސް، ކާބަފައިންގެ އެވޭލާ ދިރިއުޅުން، އެ ސަޤާފަތާއި އާދަކާދަތައް އަހަރެންގެ ސިކުނޑީގައި ކުރެހި ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ތާރީޚީ ލިޔުންތައް ކިޔައި، ތާރީޚީ ފޮޓޯތަކާއި ކުރެހުންތައް ފެނިފައި ހުރީމައެވެ. އެ ދުވަހުގެ ތަޖުރިބާތައް މާމައާއި ކާފަވެސް ކިޔައިދީފައިވާތީއެވެ.


މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން


މާފުށީ ޖަލުގެ "ދިވެހި ސަޤާފީ ގޯތި" ތެރޭ އެހުރީ ދަނޑިފަނުން ހަދާފައިވާ ހިތް ގައިމު ދިވެހިވަންތަ ގެއެކެވެ. ދަރު އުނދުނުން މަސްކައްކައި ދުމަށިމަތީ އެ މަސް ހިއްކައި އުޅުނު އިހުގެ ބަދިގެއެކެވެ. އެވޭލާ ކަނބުރުގެއެކެވެ. ވަޅަށް ދާނި ބާނައިގެން ފެން ނަގައި ފެންވަރައި ގައިންތާހިރުވެ އުޅުނު އިހުގެ ގިފިއްޔެކެވެ.


މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން


މިއިން ކޮންމެ ތަނަކުން ބުނެދެނީ ފިސާރި ގިނަ ވާހަކައެވެ. ދިވެހީންގެ ފަންނުވެރިކަމާއި މުއްސަނދި ސަޤާފަތާއި ތަރިކައިގެ ވާހަކައެވެ. ޒަމާންވީ މަސައްކަތްތަކުގެ ތެރެއިން ރާއެޅުމާއި ބޮނބިތެޅުމާއި ރޯނުވެށުމާއި ފަންގިވިނުމާއި ކިއްސަރުވަޑާމާއި އޮޑިބަނުމާއި ތިލޭރުކަމާއި ކަސަބު ވިޔުން ފަދަ ކަންކަން "ސަޤާފީ ގޯތީގައި" ކުރަމުންދާ މަންޒަރު ފެނިި އާޝޯހުކޮށްލިއެވެ.


އިވެންޓުގެ ތެރެއިން ހުށަހަޅާލި ތަފާތު ސަޤާފީ ހަރަކާތްތަކުން ދިވެހީންގެ ފަންނުވެރިކަން އިތުރަށް އިހުސާސްކުރެވުނެވެ. ބަނޑިޔާޖެހުމާއި ކުރުފަލިޖެހުމާއި ދަނޑިޖެހުމެވެ. ދަފިނެގުމާއި ދިވެހީންގެ ލެޔާ ކުޅެލާ ބޮޑުބެރުގެ ހިތްގައިމު މިއުޒިކީ ދުނިޔެއަށް އަހަރެން ގެއްލިފައި ހުއްޓާ، އެ ފެށުނީ އިވެންޓުގެ އެންމެ މުހިންމު އެއް ބައެވެ. ހަފުލާގައި ވާހަކަދައްކަވަން ހަމެހިފައިވާ ބޭފުޅުން ގޯތިތެރޭގައި ތިބި މީހުންނަށް މުހާތަބުކުރެއްވުމުގެ ވަގުތުކޮޅެވެ.


މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން


އެންމެ ފުރަތަމަ އޮތީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅެވެ. މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަންކަން ފުރާނާލައި އެއް ނުކުތާއަކަށް ފައްތާލާނަމެވެ. ކުރުކޮށް ފޮނިކޮށް ބުނާ ނަމަ ވިދާޅުވީ ޤައިދީންނަށް ގިނަ ދުވަހު ޖަލުގައި ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށާއި، އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ރިހިބިލިޓޭޓްކޮށްގެން އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށްކަމަށެވެ.

ދެން އޮތީ ޝަރަފުވެރިމެހެމާން އަދި މަހާރެހެންދި ސާޖިދާ މުޙައްމަދުގެ ވާހަކަފުޅެވެ. އެކަމަނާގެ ވާހަކަފުޅު ބިިނާކުރެއްވީ ދިވެހި ސަޤާފަތާއި ތަރިކައިގެ މައްޗަށެވެ. ވަރަށް ތަފުސީލުކޮށް ގަޤާފަތާއި ތަރިކައިގެ ތަފާތު ވިދާޅުވިއެވެ. މިސާލުތައްވެސް ޖައްސަވަމުންނެވެ.


މާފުށީގައި ޖަލުގައި ގާއިމުކުރި "ސަގާފީ ގޯތި" ހުޅުވަން ބޭއްވި ހާއްސަ ހަފުލާގެ ތެރެއިން


ފަހު ބޭފުޅަކަށް ވާހަކަދެއްކެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ މުޅިން އައު ސިޔާސަތެއް އިޢުލާންކުރެއްވިއެވެ. އެއީ ގައިދީންގެ ތެރެއިން ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގައިދީއަކު މަސައްކަތް އުނގެނުމަށް މަސައްކަތްކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އެއް ދުވަސް ކެނޑޭނެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ސިޔާސަތެކެވެ. މިނިސްޓަރ އިޙްސާން ވިދާޅުވި ގޮތުގައި އެކަން ހަރުދަނާ ގޮތެއްގައި ގެންދެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެއެވެ. އަދި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށް ވިދާޅުވިއެވެ.

ކޮންމެއަކަސް މާފުށީ ޖަލުގެ "ސަޤާފީ ގޯތި" ތެރެއިން މިކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. ކުރެވުނީ ތަފާތު އިޙްސާސެކެވެ. ޖަލާ މެދު އަހަރެންގެ މުޅި ނަޒަރިއްޔާތު ބަދަލުކޮށްލައިފިއެވެ. ޖަލަކީ ހަމައެކަނި ގައިދުވެފައި ތިބި ބަޔަކު ތޭރިތަކުގެ ތެރޭ ރޭދުވާ ހޭދަކުރާ ތަނެއްގެ ގޮތުގައި އަހަރެން ވިސްނިވިސްނުން ބަދަލުކޮށްފީމެވެ. މާފުށީ ޖަލުން އެގޮތަށް މަޖުބޫރުކުރީއެވެ.
tel:+9607331319