logo

އިގްތިސޯދުގައި ޑޮލަރު ހިފަހައްޓަން ގާނޫނުތައް އިސްލާހު ކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 އޯގަސްޓު 2024 - 18:52

ބަންޑާރަނައިބު އަހުމަދު އުޝާމް

ބަންޑާރަނައިބު އަހުމަދު އުޝާމް

ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރު ހިފެހެއްޓުމަށް ކަމާ ގުޅޭ ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލްގެ ކާޑުތަކަށް ދީފައިވާ ލިމިޓްތަކަށް ބަދަލުގެނައުމަށްފަހު، އޭގެ ގަޑިއިރުތަކެއް ފަހުން އެ ބޭންކުން ވަނީ އެ ބަދަލުތައް އަނބުރާ ގެނެސްފަ އެވެ. މިއަދު ހަވީރު ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މި ކަމާއި ގުޅިގެންނެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭޖީ އުޝާމް ވަނީ، ޑޮލަރު ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ހާމަކުރައްވާފަ އެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި އަޅާ ފިޔަވަޅަކީ ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަށް އަލިއަޅުވާލައްވަމުން އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދިވެހި ރުފިޔާއިން ޓެކްސް ދައްކަން ޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް އިންކަމް ޓެކްސްގެ ގާނޫނަށް އިސްލާހު ހުށަހަޅަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންނަށް މިއަދު ކެބިނެޓުން މި ނިންމުނީ ޑޮލަރުން އިންކަމް ލިބޭ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރުގައި، ބައެއް ހާލަތްތަކުގައި ރުފިޔައިން އެބަ ފައިސާ ދައްކާ. މިސާލަކަށް ކޯޕަރޭޓް އިންކަމް ޓެކްސް އެ ފަދަ ކުންފުނިތަކުން ރާއްޖެ މީރައަށް ދައްކަނީ ދިވެހި ރުފިޔާއިން. އެހެންނަމަވެސް ސަރުކާރުން ގާނޫނުތަކަށް އަދި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން މިކަން ބަދަލުކުރާނަން." އުޝާމް ވިދާޅުވި އެވެ.

ހަމައެއާއެކު، ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަނަށް ވެސް ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ޕެންޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަން ފާހަގަކުރައްވަމުން އޭނާ ވަނީ އެފަދަ ކުންފުނިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑޮލަރުން ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މަޖިލީހަށް އެ ބިލުތައް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ގަވާއިދެއް އިސްލާހު ކުރަން ޖެހޭނަމަ، ކުރިއަށް އޮތް ހަފްތާ ތެރޭގައި އެކަން ކޮށް ތަންފީޒުކުރައްވާނެ ކަމަށެވެ.

tel:+9607331319