logo

ބާ ކައުންސިލުން އޭޖީ އުނިކުރަން ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 އޯގަސްޓު 2024 - 18:49

މެމްބަރު އުޝާމް

މެމްބަރު އުޝާމް

ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރަން ހުށަހަޅާފައިވާ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރީ 77 މެމްބަރުންގެ ވޯޓާ އެކު އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް އެ ބިލު ހުށަހެޅުއްވީ ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމަށް ކަނޑައަޅައި، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދު ގަ އެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކުރުމުން ދެން އެ ކޮމިޓީ އެކުލެވޭނީ ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ނެވެ. އެހެންކަމުން މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އެ ކޮމިޓީއަށް އިތުރުވާ މެމްބަރު އިންތިހާބުކުރަން ޖެހޭނެ އެވެ.

މި ބިލް ފާސްވުމުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްފައިވާ ކިޔަވާދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާދިނުމާއި، ބޭރު ގައުމުތަކުގައި ބޭނުންކުރަން ބައެއް ބާވަތުގެ ލިޔެކިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާދިނުން ވެސް ހުއްދަވެގެންދާނެ އެވެ.

tel:+9607331319