logo

ކުރީ ސަރުކާރުން ގިނައިން ބަދަލު ދީފައި ހުރީ ގާނޫނާ ހިލާފަށް: އޭޖީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 26 އޯގަސްޓު 2024 - 10:52

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް (ފޮޓޯ/ ރައީސް އޮފީސް)

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ ގިނަ މައްސަލަތަކުގައި ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފައިސާގެ އިތުރުން ރަށްތަކާއި ފަޅުތަކުގެ އިތުރުން ރިސޯޓުތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުގެ ކުއްޔާއި ޓެކްސް ވެސް ފަސްކޮށްދީފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެއް ބިލިއަން ރުފިޔާގެ އެސެޓްތައް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެކަން ކޮށްފައިވަނީ ތިން މަރުހަލާއެއްގަ ކަމަށެވެ.

އެންމެ ފުރަތަމަ ބަދަލުދެމުންދިޔައީ 2019 ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެޓާނީ ޖެނެރަލްގެ އޮފީހުގައި އުފެއްދެވި ސެޓްލްމެންޓް ކޮމިޓީއަކުން ކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޓީގެ މަސައްކަތް ހުއްޓާލި ކަމަށެވެ. އޭގެ ފަހުން ރައީސް އޮފީހުގައި ކޮމިޓީއެއް އެކުލަވަލައި 10 ފަރާތަކަށް ބަދަލު ދިނުމަށް ނިންމި ކަމަށް ވެސް ވިދާޅުވި އެވެ.

އޭޖީ އުޝާމް ވިދާޅުވީ މިދިޔަ ނޮވެމްބަރުގައި ވެރިކަން ބަދަލުވުމުގެ ދެ ތިން ދުވަސް ކުރިން، ރައީސް އޮފީހުގެ ކޮމިޓީއަށް ހުށަނާޅާ ވެސް ބައެއް ފަރާތްތަކަށް ބަދަލުދީފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އިންތިގާލީ މަރުހަލާ ތެރޭގައި ނޮވެމްބަރު މަހުގެ ތެރޭގައި ވެރިކަން ބަދަލުވުމުގެ ދެތިން ދުވަސް ކުރިން ވެސް މި "އެޓާނީ ޖެނެރަލްގެ އޮފީހާއި މި މަސައްކަތް ރައިސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވުމާ ގުޅިގެން އަޅުގަނޑުމެން ހާއްސަ ޓީމެއް ނަގައިގެން މިކަން ބަލަމުންމިދަނީ. މިހާތަނަށް ބެލި ބެލުންތަކަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ބަދަލުދީފަ ހުރީ ގާނޫނާ ހިލާފަށް ކަމަށް." އޭޖީ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ އެގޮތަށް ގާނޫނާހިލާފަށް ދީފައިވާ ބަދަލުތައް ބާޓިލުކުރަން ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ކޯޓަށް ނުގޮސް، އެ ފަދަ އެއްބަސްވުންތައް ބާތިލުކުރެވޭނަމަ އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމިޓީ އުވާލީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު މިދިޔަ ނޮވެމްބަރު 21 ގަ އެވެ.

tel:+9607331319