logo

ދަރަންޏާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭން އެމެރިކާގެ ކުންފުންޏެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 13 އޮކްޓޯބަރު 2024 - 20:42

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް

ދަރަނީގެ ކަންކަމުގައި ދިވެހި ސަރުކާރަށް ލަފާދޭން އެމެރިކާގެ ކުންފުންޏެއް ހަމަޖައްސައިފި އެވެ.

ބޭރުގެ މީޑިއާއެއް ކަމަށްވާ "ރޮއިޓާޒް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރަށް މާލީ ކަންކަމުގައި ލަފާ އެރުވުމަށް ހަމަޖައްސާފައިވަނީ އެމެރިކާގެ ސެންޓަވިއު ޕާޓްނާސް ކިޔާ ކުންފުންޏެކެވެ. އެކަމަކު މިކަން ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސެންޓަވިއު ޕާޓްނަރސް އަކީ އެމެރިކާގެ ޕްރައިވެޓް އިންވެސްޓްމަންޓް ބޭންކިން ފާމެކެވެ. ސެންޓަވިއު މައިގަނޑު ގޮތެއްގައި ހިންގަނީ އިންވެސްޓްމަންޓް ބޭންކިން އެޑްވައިޒަރީ ފާމެއްގެ ގޮތުގަ އެވެ. .

ސެންޓަވިއު ޕާޓްނާރސްގެ ވެބްސައިޓުގައި ބުނާގޮތުން، އެ ކުންފުނި 2006 ވަނަ އަހަރު ވުޖޫދުކުރި ފަހުން ތިން ޓްރިލިއަން ޑޮލަރުގެ މުއާމާލަތާތްތަކުގައި ލަފާ އަރުވާފައިވެ އެވެ. ދުނިޔޭގެ އެންމެ ބޮޑެތި 50 ކުންފުނިތަކުގެ 20 އިންސައްތަ ކުންފުނިތަކަށް މާލީ ކަންކަމުގައި ލަފާ އަރުވަނީ އެ ކުންފުނިން ނެވެ.

ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، ފޮރިން ރިޒާވް ދަށްވުމާ ގުޅިގެން ބޭރުގެ ދަރަނިތައް ނުދެއްކިދާނެކަމުގެ ކަންބޮޑުވުން ބޭރުގެ މާލީ އިދާރާތަކުން ފާޅުކޮށްފައިިވެ އެވެ. މި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގްތިސޯދަށް ދިމާވަމުންދާ ގޮންޖެހުންތައް ހައްލުކޮށް، ރާއްޖޭގެ އިގްތިސޯދުގައި ބޭރު ފައިސާ ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ފިޗް އަދި މޫޑީސްގެ ރޭޓިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދަށްކޮށްފަ އެވެ. އޭގެ ސަބަބުން ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުން އިންވެސްޓަރުން އަތްދޫކޮށްލައި، މުޅި ދުނިޔޭގައި ވެސް ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ވުމުގެ ބިރު ބޮޑުވެފައި ވަނިކޮށް ރާއްޖެއިން ވަނީ މި މަހުގެ ތެރޭގައި ސަރުކާރުން ސުކޫކުގެ ގޮތުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ އިންޓްރަސްޓަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ވެސް ދައްކާފަ އެވެ. އެއާއެކު، އަނެއްކާ ވެސް ވިޔަފާރިވެރިންނަށް އިތުރު ގެރެންޓީއެއް ވަނީ ލިބިގެން ގޮސްފަ އެވެ.

https://wamco.com.mv/
tel:+9607331319