logo

ސުކޫކުގެ އިންޓްރަސްޓަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި

profile

ޝުރުފާ މުހައްމަދު - 07 އޮކްޓޯބަރު 2024 - 11:40

އެމްއެމްއޭ

އެމްއެމްއޭ

ސަރުކާރުން ސުކޫކުގެ ގޮތުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ އިންޓްރަސްޓަށް ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ސުކޫކަކީ 2021 ވަނަ އަހަރު ވިއްކާފައިވާ ސުކޫކެއް ކަމަށެވެ. މި ސުކޫކު ވިއްކާފައި ވަނީ 9.875 ޕަސެންޓުގެ އިންޓްރެސްޓު ރޭޓެއްގަ އެވެ.

އެ ސުކޫކުގެ ފައިސާގެ ގޮތުގައި އަހަރަކު 49.3 މިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވަނީ 2026 ވަނަ އަހަރު އެވެ. އެ ފައިސާ ދައްކަނީ އަހަރަކު ދެ ޕޭމަންޓަށް ބަހާލައިގެންނެވެ. މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ފައިސާ ދައްކަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް އަދި އޮކްޓޯބަރު މަހު ކަމަށެވެ. އެގޮތުން މި މަހު ދައްކަން ޖެހޭ ފައިސާގެ މުއްދަތު މިއަދު ހަމަވާއިރު، ސަރުކާރުން ވަނީ އިއްޔެ އެ ފައިސާ ދައްކާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ސަރުކާރަކީ ދަރަނި އަދާކުރުމާއި، ރައްޔިތުންގެ ބޮލުގައި އިތުރު ދަރަނިތަކެއް ނޭޅުވުމަށް ޚާއްސަ އިސްކަމެއް ދޭ ސަރުކާރަކަށް ވާއިރު، ސުކޫކުގެ ފައިސާ ވެސް މުއްދަތައް ދެއްކުމަކީ އެކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ފިޗް އަދި މޫޑީސްގެ ރޭޓިން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ދަށްކޮށްފަ އެވެ. އޭގެ ސަބަބުން ރާއްޖޭން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކުން އިންވެސްޓަރުން އަތްދޫކޮށްލައި، މުޅި ދުނިޔޭގައި ވެސް ސުކޫކެއް ޑީފޯލްޓުވާ ފުރަތަމަ ގައުމަކަށް ވުމުގެ ބިރު ބޮޑުވެފައި ވަނިކޮށް ރާއްޖެއިން އެ ފައިސާ ދެއްކުމާއި އެކު އަނެއްކާ ވެސް ވިޔަފާރިވެރިންނަށް އިތުރު ގެރެންޓީއެއް މިއާއި އެކު ލިބިގެންދާނެ އެވެ.


އެހެންވެ ސުކޫކުގެ އަގު އަދާކުރެވެންދެން އަހަރަކު 49.3 މިލިއަން ޑޮލަރު އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހެ އެވެ. މި ފައިސާ ދައްކަނީ ދެ ބަޔަށް ބަހާލައިގެން، އަހަރުގެ ކުރީކޮޅާއި އަހަރުގެ ފަހުކޮޅެވެ.

https://int.etukuri.mv/
tel:+9607331319