17 ނޮވެމްބަރުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހަމަޖެހިލާކަށް މާގިނަ ވަގުތެއް ނުލިބުނެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާއި ދެއްވި އުއްމީދުތައް ހަގީގަތަކަށް ހެއްދެވުމަށްޓަކައި ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރަން ބެއްލެވިއިރު، ރާއްޖޭގެ މާލީ ހާލަތު އޮތީ ހީނުކުރުވާ ވަރުގެ ބޮޑު އަނދަވަޅެއްގަ އެވެ.
ކުރީގެ ގޯސްތައް ރަނގަޅުކުރުން:
ޚަރަދުތައް ކުޑަކޮށްގެން ވެސް މާލީ އަމާޒަށް ވާސިލުނުވެވިދާނެކަމުގެ ކަންބޮޑުވުމާއެކު ކުރިމަތިވި ހުރަސްތަކަށް ބެލުމެއްނެތި، މާލީ ވުޒާރާއިން ފެށީ ކުރީ ސަރުކާރުތަކުން ހަދާފައިވާ ބޮޑެތި ގޯސްތައް ރަނގަޅު ކުރުމުގެ މަސައްކަތެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ފެނިގެންދިޔައީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ ރައީސް އުވާލެއްވި ތަނެވެ. ސަރުކާރު ބަދަލުވެ، ރައީސް ހުވާކުރެއްވުމާ ހަމަޔަށް، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް އެ ކޮމިޓީން އޮތީ ނިންމާފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، 1 ބިލިއަން ރުފިޔާ އަރާނެ ކަމަށް މި ސަރުކާރުން އަންދާޒާކުރެ އެވެ.
މީގެއިތުރުން، ގެއްލުމުގައި ޒަމާންތަކެއް ވަންދެން ހިންގަމުންދިޔަ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް މަޑުމަޑުން ބަދަލުތައް ގެނެވުނެވެ. އެގޮތުން، ކުންފުނީގެ މަސައްކަތް ތަކަށާއި ޕްރޮޖެކްޓުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ހޯދައި، ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮތް މިފްކޯ ސަރުކާރުގެ %100 ކުންފުންޏަކަށް ބަދަލުކުރެވުނެވެ. 4 ބިލިއަނުން ދަރާފަ އޮތް ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި، ސަރުކާރުން ވަނީ އެ ކުންފުންޏަކީ އަންނަ އަހަރުން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށް ނިންމާފަ އެވެ. ކުންފުނިތަކާއި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ފެށުނީއްސުރެ ހުސް ގޮންޖެހުން:
ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށް ނުގެންގޮސް މަޑުޖައްސާލައި، މަޝްރޫއުތަކާ ގުޅޭ ރިވިއުއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަން ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގައި ވިދާޅުވީ މަގާމުގެ ހުވާކުރެއްވިތާ ތިން ވަނަ އަށް ވީ ދުވަހު އެވެ. އޭރު މަޖިލީހުން ކުރަމުންދިޔައީ މި ހިނގާ 2024 އަށް އެމްޑީޕީގެ ސަރުކާރުން ހުށަހެޅި ބަޖެޓުގެ މަސައްކަތެވެ. ސަރުކާރާ ދެކޮޅަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސްކުރީ، ސަރުކާރުން ހުށަހެޅި އަދަދަށް ވުރެ ވެސް ބޮޑު ބަޖެޓެކެވެ. ބަޖެޓް 49 ބިލިއަން ރުފިޔާގައި ހިފަހައްޓަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފާސްކުރީ 49.8 ބިލިއަންގެ ބަޖެޓެކެވެ.
މާގިނަ މަސްތަކެއް ނުވަނީސް ކުރީ ސަރުކާރުތަކުން ވާރުތަވި 115 ބިލިއަންގެ ދަރަނި ނުދެއްކޭ ހާލަތަކަށް ރާއްޖެ ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބަލައި ބޭރުގެ ކްރެޑިޓް އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ވެސް ދަށްކުރި އެވެ. އެއާއެކު ސަރުކާރަށް ދެން މަޖުބޫރުވީ ބޭރުގެ ކްރެޑިޓަރުންގެ އިތުބާރު ދަމަހައްޓައި ހަރަދުކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.
ބަޖެޓު 2025:
ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޝަފީގް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން ދެން އެ މަގާމަށް އައްޔަނުކުރެވުނީ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ. ޒަމީރު އެ މަގާމަށް އައްޔަނުކުރެވުނުތާ ގާތްގަނޑަކަށް މަސް ދުވަހުގެ ތެރޭގައި ކުރިއަށް އޮތް 2025 އަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން ދިޔައީ ތައްޔާރުވަމުން ނެވެ. ގިނަ އަދި ބުރަ މަސައްކަތްތަކަކަށްފަހު އެ ވުޒާރާއިން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް މިފަހަރު ހުށަހެޅީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. ޖުމްލަ 56.6 ބިލިއަންގެ މި ބަޖެޓުގައި އިސްކަންދީފައިވަނީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރެވޭނެ ގޮތަކަށް ހަރަދުވެސް ކުޑަކުރުމެވެ.
އެގޮތުން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކާއެކު ދައުލަތަށް 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބަޖެޓުގައި ވެއެވެ. އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ނަތީޖާ ރަނގަޅު:
ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށްޓަކައި ސަރުކާރަށް ހަރަދުކުޑަކުރަން އޮތީ މަޖުބޫރުވެފަ އެވެ. މި އަމާޒުގައި ސަރުކާރު އޮފީސްތަކުން އާ މަގާމުތައް އުފެއްދުމާއި މުސާރަ ބޮޑުކުރުން މަނާކޮށް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް މާލީ ވުޒާރާއިން ނިންމި އެވެ. މައިގަނޑު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- · މިނިސްޓްރީގެ ހުއްދަނެތި އެއްވެސް އާ މަގާމެއް ނުއުފެއްދުން
- · މިނިސްޓްރީގެ ހުއްދަނެތި މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން
- · ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް މިހާރު ދޭން ފަށާފައިނުވާ އެއްވެސް އާ އެލަވަންސެއް މިނިސްޓްރީގެ ހުއްދަނެތި މި އަހަރުގެ ތެރޭގައި ދޭން ނުފެށުން
- · މިނިސްޓްރީގެ ހުއްދަނެތި މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ އެއްވެސް މަގާމެއްގެ ނަމަށް، ރޭންކަށް އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލެއް އަންނަ ފަދަ ކަމެއް ނުކުރުން
- · ރަސްމީ ގަޑީގައި މަސައްކަތް ނިމޭނެ ގޮތަކަށް ރާވައި، ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ނޫނީ އިތުރު ގަޑީގައި މަސައްކަތް ނުކުރުން
މި ފިޔަވަޅުތަކާ އެކު ސަރުކާރުން އަމާޒުހިފި ގޮތަށް، ހަރަދުތައް ކުޑަކުރެވުނެވެ. އެގޮތުން ޖޫން މަހު އާއްމު ކުރެވުނު ތަފާސްހިސާބުތަކުން ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ހަރަދުން ދެ ބިލިއަން ރުފިޔާ ސަލާމަތް ކުރި އެވެ. އެކަން ކުރީ ޕީއެސްއައިޕީއަށް ކުރަމުން އައި ހަރަދު މަދުކޮށްގެން ނެވެ. ހިންގުމުގެ ހަރަދުން ލިބޭ އާމްދަނީން ހަމަޖެއްސުމުގެ އަމާޒުގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ އާމްދަނީން 1.2 ބިލިއަން ރުފިޔާ ސަލާމަތް ކުރެވުމެވެ.
ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް ހަރުދަނާކުރުމަށްޓަކައި އަދިވެސް ކުރަން އޮތީ ދިގު ދަތުރެކެވެ. ކަންކަން ރަނގަޅަށް ރާވައި، އެކަންކަން އެގޮތަށް ތަންފީޒުކުރެވެމުންދާނަމަ، ނަތީޖާ ނެރެވޭނެކަން މާލީ ވުޒާރާގެ މަސައްކަތްތަކުން ނިކުންނަ ނަތީޖާތަކަށް ބަލާލުމުން ވެސް އެނގިގެންދެ އެވެ.