2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު މުސާރައިން 10 އިންސައްތަ އުނިކުރާ މުވައްޒަފުންގެ ތެރޭގައި ފަންނީ މުވައްޒަފުން ނުހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން ޒަމީރު ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރާއިރު އިންޖިނިއަރުން ޕައިލެޓުން ފަދަ ޕްރޮފެޝަނަލް ކެޓަގަރީތައް ނުވަތަ ފަންނީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް އިސްތިސްނާ ކުރަން އިރުޝާދު ލިބިފައިވާ ކަމަށެވެ. ސަބަބަކީ އެފަދަ ފަންނީ މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭ މުސާރަ ކުޑަވެއްޖެނަމަ އެ މުވައްޒަފުން ސަރުކާރު ކުންފުނިތަކުން ކެނޑި، ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަޅުއްވަން ނިންމެވި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން ހިމެނޭ ކަމަށެވެ. އެކަމަކު މުސާރައަށް ގެންނަ މި ބަދަލުތަކުގެ ތެރޭގައި 12،000 އަށް ވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުން ނުހިމެނޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން މިހާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް 1 ލައްކަ ރުފިޔާ އަށް ވުރެ ބޮޑު މުސާރަ ލިބޭ ކަމަށެވެ. އެކަމަކު މި ގެނެވޭ ބަދަލާއި އެކު ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައަޅާފައިވެއެވެ.
ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް އެ ފަރާތްތަކުގައި އެދޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މީގެ ކުރިން ވަނީ ސިޔާސީ މުވައްޒަފުންގެ ތެރެއިން 228 މުވައްޒަފުން ވަކިކުރުމަށް ވެސް ނިންމާފަ އެވެ. އަދި ޓެކްސް އާއި އިމްޕޯޓް ޑިއުޓީ އަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަނީ ކުރިއަށެވެ.