2025 ވަނަ އަހަރުގެ މެދުރާސްތާގެ ދައުލަތުގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދޭނީ ޚަރަދު ކުޑަކުރުމާއެކު، އާމްދަނީ އިތުރުކުރުމަށް ކަމަށް ފިނޭސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭސް މިނިސްޓަރު ވަނީ ހުށަހަޅުއްވާފައެވެ.
ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތުގައި އިތުރުކުރުމަށް ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ލާޒިމުކަށެވެ.
އެގޮތުން އަހަރުތަކެއް ވަންދެން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް، ނުވަތަ ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ދަށްވަމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި މިއާއެކު، އިގުތިސާދީ ކުރިއެރުމާ އެއް ހަމައެއްގައި ދައުލަތުގެ އާމްދަނީ ކުރިއަރަމުން ނުދާކަން ފާހަގަވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާމެދު މީރާއިން އަޅަމުންދާ ފިޔަވަޅުތައް މުރާޖައާކޮށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތުގެ އިތުރުން، ޓެކުހާ ގުޅޭ ސިޔާސަތުތަކާއި ޤާނޫނުތައް އިސްލާހުކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
އުފުލިފައިވާ ފިސްކަލް ހިރާސްތަކަށް ރިއާޔަތްކޮށް، ޚަރަދު ކުޑަކުރުމާއެކު، އާމްދަނީ އިތުރުކުރުމަށްވެސް ވާނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ކަން ފާހަގަ ކޮށް މިނިސްޓަރު ވިދާޅުވީ މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބައެއް ޓެކުހާއި ފީގެ ރޭޓުތައް މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރު މަތިކުރަން ނިންމާފައިވާ ކަމަށެވެ. މީގެތެރޭގައި ޑިޕާރޗަރ ޓެކްސް، އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޓީޖީއެސްޓީ ގެ ރޭޓުތައް ހިމެނޭއިރު، މި ބަދަލުތައް ފަރުމާކޮށްފައިވަނީ އާންމު ދިވެހި ރައްޔިތުންނަށް ބުރަ ބޮޑުނުވާނޭގޮތަށް ބަލައިގެން. އަދި ޓެކްސް ބޭސް ފުޅާކުރުމުގެގޮތުން، ދިވެހިރާއްޖޭގައި ބޭނުންކުރާ އެންމެހައި މުދަލާއި ހިދުމަތުން ދިވެހިރާއްޖޭގައި ޖީއެސްޓީ ނެގޭނެ ގޮތަށް ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސް، އަންނަ އަހަރުގެ މެދުތެރޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ފުރިހަމައަށް ތަންފީޒުކުރަން ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއާއެކު އޮފް-ޝޯ ޓްރެވެލް އޭޖެންޓުންނާއި ބުކިންގ ޕްލެޓްފޯމްތަކުން ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޓީޖީއެސްޓީ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި މި ބަދަލުން ލިބޭ އެންމެ ބޮޑު ފައިދާއަކަށް ވެގެންދާނީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ރާއްޖެއިން ބޭރުގެ ބޮޑެތި އޮންލައިން ވިޔަފާރިތަކުގެ މެދުގައި ޖީއެސްޓީއާ ގުޅިގެން އުފެދޭ ޑިސްޓޯޝަންތައް ކުޑަކުރެވި، ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ބޮޑެތި ވިޔަފާރިތަކާ އެއްހަމައެއްގައި ވާދަކުރުމުގެ މަގު ފަހިވެގެންދިއުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށްވުރެވެސް ބޮޑަށް، މި ބަޖެޓުގައި އިތުރުވަމުން އަންނަ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައިވާ ކަމަށް ފާހަގަކުރަށްވާ މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅުތައް ފަރުމާކުރުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާނީ ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ރައްޔިތުން ދެނެގަނެ، އެ ފަރާތްތަކަށް އިސްކަންދޭ އުސޫލަކުން ދައުލަތުން ފޯރުކޮށްދެމުންދާ އެހީތައް ނިޒާމީގޮތުން އަތުރާލުމަށް ކަމަށެވެ. މިގޮތުން އަސާސީ ހިދުމަތްތައް ފޯރުންތެރި އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތައް ސީދާ ރައްޔިތުންނަށް ފޯރުކޮށްދޭ ނިޒާމަކަށް ހިޖުރަކުރުމަށް ވާނީ ހުށަހަޅާފައި ކަމަށެވެ.
އަދި އާސަންދަ އާއި މެޑިކަލް ވެލްފެއަރ ނިޒާމުތަކަކީ މިހާރަށްވުރެ ހަމަހަމަކަމާއެކީގައި، އިއާދަކުރަނިވި ގޮތަކަށް އެހީ ފޯރުކޮށްދޭ ނިޒާމުތަކަކަށް ބަދަލުކުރުމުގެ އިތުރުން، ޕެންޝަންގެ ނިޒާމުގެ ތެރެއިން އުފެދޭ ނަހަމަކަން ނައްތާލައި، އެ ނިޒާމުގެ ދެމެހެއްޓެނިވިކަން ޔަގީންކުރެވޭނެ ފިޔަވަޅުތަކެއްވެސް ވާނީ އެކުލަވާލައި ހުށަހަޅާފައި ކަމަށެވެ. މީގެއިތުރުން، ދައުލަތުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއުތަކަކީ އޭގެ ނަތީޖާ ހާސިލުކުރެވޭނެ މަޝްރޫއުތަކެއްކަން ޔަގީންކުރުމަށް، މަޝްރޫއުތައް ރާވައި ތަރުތީބުކޮށްގެން ގެންދިއުމަށް އެހީވެދޭނޭ ގޮތަށް، މި ބަޖެޓުގައި ވާނީ ހަގީގީ އަންދާޒާތައް ހިމެނޭ ޕީއެސްއައިޕީ ޕްލޭނެއް އެކުލަވާލާފައި ކަމަށާއި މިއާއެކު، އަހަރުތެރޭގައި މަޝްރޫއުތަކުގެ މަސައްކަތް މަޑުނުޖެހި ކުރިއަށް ގެންދެވޭނެކަން ޔަގީންކުރެވި، ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމައި، ދައުލަތުގެ މާލިއްޔާގެ ފުދުންތެރިކަމާ އެއްހަމަ މިންވަރެއްގައި ޕީއެސްއައިޕީގެ ހޭދަ ހިފަހައްޓަން ފުރުސަތު ލިބޭނެ ކަމަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އެޅުމަށް ނިންމާފައިވާއިރު، އެ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބަޖެޓުގައި ވެ އެވެ. އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓު ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ސަރުކާރުން ލަފާކުރާގޮތުގައި އަންނަ އަހަރު، ރާއްޖޭގެ އިގްތިސޯދު 6.4% އިން ކުރިއަރާނެ އެވެ.