ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދައަކީ ދައުލަތުގެ ބަޖެޓުން ކުރާ ހަަރަދުތަކުގެ 1 (އެކެއް) އިންސައްތަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވައިދެއްވަމުންނެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ 5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ.
އެ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މިނިސްޓަރު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިކޮނޮމިކް ރީފޯމްއަކަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، އެ ކުންފުނިތަކަކީ ފައިދާވާ، ނުވަތަ ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަ ކުންފުނިތަކަކަށް ހެދުމަށް ބައެއް ކުންފުނިތަކުގެ ސްޓްރަކްޗަރ ބަދަލުކުރުމާއި، އުވާލުންފަދަ ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ.
އަދި ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކޮށް، މިފްކޯއަށް މަސްވެރިން ވިއްކާ މަހުގެ އަގު ހިފަހައްޓަން ދޭ ސަބްސިޑީއަކީ ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދޭ އެއްޗަކަށް ހެދުމަށް، ބޭރުގެ ބާޒާރުގެ އަގުތަކާ ގުޅިފައިވާ ދެމެހެއްޓެނިވި ސަބްސިޑީ ނިޒާމަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާންކުރެއްވި ސިޔާސީ މަގާމުތަކުގައި ތިިއްބެވި ފަރާތްތަކާއި، ބައެއް މުއައްސަސާތަކުގެ ވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންގެ މުސާރަތައް 2 އަހަރު ދުވަހުގެ މުއްދަތަށް ދައްކުރަން ނިންމަވާފައިވާ ނިންމުން ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ސިޔާސީ ފަރާތްތަކުގެ މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންގަނޑުގެ4% އަށް ވުރެ ދަށް އަދަދެއް. އަދި މުޅި ދައުލަތުގެ ބަޖެޓުގެ، ދައުލަތުގެ ހަރަދުގެ 1 ޕަސެންޓް " މިނިސްޓަރު ޒަމީރު
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުދިގެން ދިއުމަކީ ރައްޔިތުންގެ އާންމު ހާލަތާއި އިޖުތިމާއީ ހަޔާތާއި، އިގްތިސާދީ ކުރިއެރުމާ ގުޅިލާމެހިފައިވާ ކަންކަން ކަމަށެވެ.
އަދި ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާ ހަރަކާތްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ މިންވަރާއި ފެންވަރު ރަނގަޅުވެގެން އައުމަކީ އުއްމީދެއް ކަމަށް ވެސް ވިދާޅުވި އެވެ.