logo

ބޭރުފައިސާ އިތުރުކުރުމަށް ގަވާއިދު އިސްލާހުކޮށް މި މަހު އާއްމުކުރަނީ

profile

އާމިނަތު ޝަފާ - 12 ސެޕްޓެމްބަރު 2024 - 19:37

ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވާއިދު އިސްލާހުކޮށް ގެންނަ ބަދަލުތައް މިމަހު އިއުލާންކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންއާ ބެހޭ ގޮތުން މޫޑީސް ރޭޓިންސް އިން ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ފާހަގަވާ ކަންތައްތައް ބަޔާންކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 4.9 އިންސައްތަ މިއަހަރު ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 އިންސައްތައިގައިކަމަށްވެސް މިނިސްޓްރީން ލަފާކުރެއެވެ.މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވުންކަމަށާއި އެގޮތުން މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ރާއްޖެ އަށް ވަނީ 1.3 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިކަމަށް ބަޔާނުގައިވެއެވެ. މިއީ މިދިޔަ އަހަރުގެ މުމުއްދަތާއި އަޅާބަލާއިރު 10އިންސައްތައި ގެ ކުރިއެރުމެކެވެ. މިއަހަރުގެ ޖުލައި މަހާއި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ފަތުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތުވެސް ވަނީ 7އިންސައްތައިން އިތުރުވެފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ އޮގަސްޓު މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި އޮގަސްޓު މަސް ނިމުނުއިރު ހުރީ 61.22 މިލިއަން ޑޮލަރެވެ.

މިއަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީންވަނީ އަންދާޒާކޮށްފައެވެ.

ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާކަމަށް މޫޑީސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް އޮޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް ފައިސާ މޮޕްއަޕް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ރާއްޖޭން ނަގާފައިވާ ބޮންޑަށް އަންނަ މަހު ދައްކަންޖެހޭ ޕޭމެންޓް ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި އެ ޕޭމެންޓް ދައްކަންޖެހޭ ތާރީޚަށް ބަރާބަރަށް ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިދޭކަމަށެވެ. އަދި އެމްއެމްއޭ އާއި ސަރުކާރުގެ ކަމާގުޅޭ ހުރިހާ ވުޒާރާތަކާ ގުޅިގެން ރާއްޖޭން ދައްކަންޖެހޭ ދަރަނި ކުރިއަށް އޮތްތަނުގައި ވެސް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް މިނިސްޓްރީގެ އެބައޮތްކަމަށް ބަޔާނުގައިވެއެވެ.

tel:+9607331319