ދިވެހިރާއްޖޭގައި އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭ ގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭޑީބީ)އާ އެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ފިނޭންސް ޑރ. މުޙައްމަދު ޝަފީޤް އެ ބޭންކުގެ ޑިރެކްޓަރ ޑރ. ޖަސްޓީން ޑިއޮކްނޯ-ސިކާޓް އާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސަރުކާރުގެ މާލީ އިސްލާހުތަކާއި އޭ.ޑީ.ބީ އާއެކު އިތުރަށް ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ހޯދުމަށެވެ.
ދިވެހިރާއްޖޭގައި އޭޑީބީގެ ރެޒިޑެންޓް މިޝަނެއް ގާއިމްކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައިވާއިރު އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ޖަސްޓީން މިހާރު ގެންދަވަނީ ސަރުކާރުގެ މުހިންމު އިސްވެރިންނާ ބައްދަލުކުރައްވައި، ޕްރޮޖެކްޓް ސައިޓް ވިޒިޓްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއަށް 3 ދުވަހުގެ ކޮންސަލްޓޭޝަން ޒިޔާރަތެއް ކުރައްވަމުންނެވެ.
އޭޑީބީއަކީ ރާއްޖޭގައި ހިންގާ ގިނަ މަޝްރޫއުތަކަށް ފަންޑުކުރާ ބޭންކެވެ.
ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް މާލީ އިސްލާހީ ބަދަލުތަކެއް ގެންނަމުންދާއިރު ގައުމުގެ މާލީ ހާލަތަށް ދައުލަތުން ޒިންމާވާން ޖެހޭ ގޮތާއި، މާލީ ހާލަތު ބައްޓަން ކުރަން ޖެހޭނެ ގޮތް ބަޔާންކުރާ ދެ ބިލެއް ސަރުކާރުގެ ފަރާތުން މިފަހުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
އަދި ސަރުކާރުންދަނީ ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުން ވީހާވެސް ބޮޑަށް ހަރަދުކުޑަކުރުމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރަމުންނެވެ.
އެގޮތުން ދައުލަތުގެ ވިޔަފާރި ތަންތަނުން ދަތުރު ހަރަދުގެ ގޮތުގައި ކުޑަކުރުމަށް ލަފާދީފައިވާ ކަންކަމަކީ:
- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ރަސްމީކޮށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުން.
- ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން.
- ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް 6 ގަޑި އިރަށްވުރެ ދިގުވާނަމަ ނޫނީ ފަސްޓް ކުލާހުގައި ދަތުރުނުކުރުން.
- ދަތުރުތަކުގައި ކުންފުނީގެ ހަރަދު ވީހާވެސް ކުޑަކުރުން.
- ފެރީގެ ހިދުމަތް ލިބޭނަމަ ދަތުރުތައް ފެރީގައި ކުރުން.
- އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައި ކެއިން ބުއިމުގެ ހަރަދު އެންމެ ކުޑަވާނެގޮތަކަށް ހަމަޖެއްސުން
- ކުންފުންޏަށް ސީދާގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކައި ފެއަރތަކުގައި ބައިވެރިނުވުން.
- މީގެ އިތުރުންވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ސަރުކާރުންވަނީ ލަފާދީފައެވެ.