މެމްބަރު މިފަދައިން ވިދާޅުވީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ހަދަން ސަރުކާރުން މަސައްކަތްކުރަމުން އަންނާތީއެ ރަށުގައި ރިސޯޓު ހެދުމާ ދެކޮޅަށް މުޒާހަރާކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ވ.އަތޮޅު ކައުންސިލުން ބުނެފައިވަނީ ސަރުކާރުން އެތަން ހަވާލުކޮށްފައިވަނީ ގާނޫނަ ހިލާފަށްކަމަށާއި އެ ރަށުގައި ރިސޯޓެއް ހަދައިފިނަމަ އެކަމުގެ ގެއްލުން ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ސަފާރީތަކަށް ކުރާނެ ކަމަށެވެ.
ވ. އަތޮޅު ކައުންސިލުން އިސް ނަގައިގެން ބޮޑުފިނޮޅުގައި އިއްޔެ މުޒާހަރާކުރިއިރު އެ މުޒާހަރާގެ އިސް ސަފުގައި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ގިނަ އަދަދަކަށް ތިއްބެވިކަން ފާހަގަކޮށްލެވެއެވެ.
މިކަމަށް އިޝާރާތްކުރައްވައި މެމްބަރު އަބުދުﷲ ރަޝީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އޭގެތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ނިންމުމާއި ރިސޯޓުތައް ހެދުމާއި ރާއްޖެ އަންނަ އެއާލައިންތަކުގެ އަދަދު އިތުރުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ޑައިރެކްޓް ފްލައިޓުތައް ބޭއްވުން ހިމެނޭކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް އިގްތިސާދު ނަގައި ކޮޅަށް ޖެހުމުގައި ގިނަ ރިސޯޓުތަކެއް ހުރުން މުހިންމުކަމަށާއި މި ހުރިހާ ކުރިއެރުމެއް ގެންނަން މަސައްކަތް ކުރަމުންދާތީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެގެން ފިނޮޅުތަކާއި ގިރިގިރި އާއި ފަޅުތަކުގައި މުޒާހަރާ ކުރަމުންދާ ދިއުން ކުށްވެރި ކުރާކަމަށް މެމްބަރު ވިދާޅުވިއެވެ.
މިއީ ސިޔާސީ މަގްސަދެއް ހާސިލު ކުރަން ކުރާ ކަމެކަމަށާއި އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ކންކުރިޔަސް ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ފަތުރުވެރިކަމުގެ ދާއިރާ މެކުހަށް ޖަހާނެކަމަށް މެމްބަރުވަނީ ވިދާޅުވެފައެވެ.