މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ 50 ވަރަކަށް މީހުން އެބަތިބިކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެތެރެއިން %5 ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުންނަށް ޚާއްސަކުރެއެވެ. އެގޮތުން މިއަހަރުވެސް އެފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޖާގަ ދީފައިވެއެވެ.
މައްކާގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ 50 ވަރަކަށް މީހުން ތިބިކަމަށެވެ. މީގެ ތެރޭގައި ރާއްޖޭގައި މިހާރު އިތުރުވަމުން އަންނަ ބޮޑެތި ބަލިތަކުގެ ތެރޭގައި ހިމެނޭ ކެންސަރު ބައްޔާއި ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނެއެވެ.
ކެންސަރުގެ އެކި ސްޓޭޖުތަކަށް ފަރުވާހޯދަމުން އަންނަ މީހުން ތިބިކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ އެފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް ފަރުވާދިނުމަށްޓަކައި މެޑިކަލް ޓީމް ތައްޔާރަށް އޮތްކަމަށެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންނަށް ޙައްޖުގެ މަޝާއިރުގެ ތެރޭގައިވެސް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދަންޖެހޭ މީހުން ހޮސްޕިޓަލަށް ގެންދިޔުމުގެ އިންތިޒާމްތައްވެސް ޙައްޖުގެ ކުރިން ހަމަޖައްސަވާނެކަމަށް ޝަކީލް ވިދާޅުވިއެވެ
"ކަމާ ގުޅޭ ބޭސްތައް ހުއްދަތަކާއެކު ސަޢުދީ ޢަރަބިއްޔާއަށް ވަނީ ގެނެސްފައި. މިދުވަސްވަރަކީ މައްކާ މަދީނާއަށްވެސް ހޫނު ގަދަ ދުވަސްވަރެއް. މިކަމާ ގުޅިގެން ވާންޖެހޭ ތައްޔާރީތައްވެސް އަޅުގަނޑުމެން ޓީމުން ވަނީ ވެފައި. ޞިއްޙީ ގޮތުން ޑޮކްޓަރުންނާއި ނަރުހުންވެސް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުން." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އައިސްތިބި ދިވެހިންގެ ޞިއްޙީ ކަންކަން ބެލެހެއްޓުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންގެ ޚާއްސަ ޓީމެއް ވަނީ އެކުލަވާލާފައެވެ. 4 ޑޮކްޓަރުންނާއި 5 ނަރުހުން ހިމެނޭ މިޓީމުން އަންނަނީ މައްކާ އާއި މަދީނާގައި ހޭދަވާ ދުވަސްތަކުގައި ޞިއްޙީ ގޮތުން ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކޮށްދެމުންނެވެ. މައްކާގެ ހޮޓެލްގައިވެސް ޑޮކްޓަރަށް ދެއްކުމުގެ ޚާއްސަ ކްލިނިކެއް ޤާއިމްކޮށްފައިވާއިރު ބޭސް ނެގޭނެ ފާމަސީއެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި ޙައްޖުގެ މަޝާއިރުތަކުގައި ބަލި މީހުންނަށް ފަރުވާދިނުމަށްވެސް ނަރުހުންނާއި ޑޮކްޓަރުން ގެންދަނީ ތައްޔާރުވަމުންނެވެ.
މިއަހަރު ރާއްޖެއަށް ލިބުނު ރަސްމީ ކޯޓާގައި 1000 ޙައްޖުވެރިން މިހާރު ތިބީ ސަޢުދީ ޢަރަބިއްޔާގައެވެ. މިމީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުންނަކީ އުމުރުން 70 އަހަރުން މަތީގެ މީހުންނެވެ. މީގެ އިތުރުން ސަރުކާރުން ޙައްޖަށް ފޮނުވާ މީހުންގެ ތެރެއިން 50 ފަޤީރުންވެސް މިވަގުތު ތިބީ މައްކާގައެވެ.