logo

މިއަހަރު ރާއްޖެއިން ހައްޖަށް 1150 މީހުން ދިޔަ

profile

އަހުމަދު ޒަލީފު - 08 ޖޫން 2024 - 19:22

---

---

މިއަހަރު ރާއްޖެއިން ހައްޖަށް 1150 މީހުން ދިޔަ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި އަހަރު ރާއްޖެއިން 1150 މީހުން ޖުމްލަ ހައްޖަށްދާނެ ކަމަށާއި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށެވެ.

ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވަޢުދުފުޅުގެ ދަށުން ފުރަތަމަ ޙައްޖަށްދާ 50 މީހުން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އިއްޔެ ވަނީ ފުރާފައެވެ.

ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސް މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެ ރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނަށް މ. މުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތްތާ 3 ވަނަ ހަފުތާ ތެރޭ، 5 ޑިސެމްބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައި، ރިޔާސީ ދައުރުގައި އަންނަ ފުރަތަމަ ޙައްޖު މޫސުމުގައި، ސަރުކާރުގެ ޚަރަދުގައި 50 މީހުން ޙައްޖަށް ފޮނުއްވުމަށް ނިންމަވައި އެކަން ވަނީ އިޢުލާނު ކުރައްވާފައެވެ

ރައީސްގެ ވައުދުފުޅުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެންނެވެ.

ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެއެވެ.

https://int.etukuri.mv/
tel:+9607331319