logo

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 16 ޖުލައި 2024 - 16:59

ފޮޓޯ ޕޮލިސް

ފޮޓޯ ޕޮލިސް

ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 278 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ސައިޒު ކޮތަޅެއް ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 22 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ދެ މީހުންނަކީ ވެސް ބަނގުލަދޭޝް ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފޮޓޯ ޕޮލިސް

މީގެ އިތުރުން ބަނގުރަލުގެ މައްސަލައެއްގައި މިއަދު ވަނީ ހުޅުމާލެ ފޭސް 1 އިން 29 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ރީތިގަސްމަގުން އޭނާ ދުއްވާފައިދިޔަ ވޭން ހުއްޓުވައި ބަލައިފާސްކޮށްގެން ކަމަށެވެ. ފުލުހުން ބުނީ އޭނާއާ މެދު ތުހުމަތު ކުރެވިގެން އެ ވޭން ހުއްޓުވައި ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރަލާއި 13 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މަހު 5 ވަނަ ދުވަހު ވެސް ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ކަންނެލި ޖެޓީން ކަޅު ކޮތަޅުތަކެއް ހިފައިގެން ދެ ސައިކަލުގައި ދިޔަ ބަޔަކާމެދު ތުހުމަތުކުރެވިގެން މަޑުކުރަން ބުނުމުން އެމީހުން މަޑުނުކޮށް ގޮސްފައިވުމުން، އެމީހުން ދިޔަ ސަރަހައްދުތައް ސީސީޓީވީ ކެމެރާ މެދުވެރިކޮށް ދެނެގަނެ އެ ސަރަހައްދުތައް ބަލައިފާސްކުރިއިރު އެ މީހުން ގެންގުޅުނުކަމަށް ބެލެވޭ ކަޅުކޮތަޅުތައް އެ ސަރަހައްދުތަކުން ފެނިފައިވެއެވެ. އެ ކޮތަޅުތައް ބަލައިފާސްކުރިއިރު 120 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ދެ މައްސަލަ ވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

https://int.etukuri.mv/
tel:+9607331319