logo

ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 21 ޖޫން 2026 - 12:23

އާއިލީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފޯމު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުކުރުމުގެ (ކްރޮސް ވެރިފިކޭޝަން) މަސައްކަތް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ދިން މުއްދަތު މި މަހުގެ 15 ވަނަ ދުވަހަށް ހަމަވިއިރު، ޖުމްލަ 50,000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅި 35,900 އަށްވުރެ ގިނަ ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,000 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ ޕޯޓަލް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން އުސޫލުތަކަށް ގެނައި އިސްލާޙުތަކާއެކު މި ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

މިހާރު ކުރިއަށްދާ ކްރޮސް ވެރިފިކޭޝަން މަރުޙަލާގައި، ހުށަހަޅާފައިވާ މަޢުލޫމާތުތަކުގެ ސައްހަކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ހުރި ރެކޯޑުތަކާ އަޅާކިޔައި ކަށަވަރުކުރެވޭނެ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ވަކިން ހާއްސަކޮށް މާލޭގައި ދިރިއުޅޭ މުއްދަތާއި، އާމްދަނީއާ ގުޅޭ މަޢުލޫމާތުތައް މި މަރުޙަލާގައި ބަލައި ޔަގީންކުރާނެއެވެ.

މީގެ ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ހިލާފަށް، މިފަހަރު ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދަވަނީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތު ދީ، ދުރާލާ ރޭވުންތެރިކަމާއެކުގައެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިމުމާއެކު އާންމުންނަށް ވަގުތުން އެ ތަންތަނަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައް ތަރުތީބުކުރަމުންދާކަން ސަރުކާރުން ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ފަށާ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.


https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk