
ވޯލްޑް ކަޕްގައި ރައީސް، ތާއީދުކުރައްވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް!

އާމިނަތު ޝަޒްލާ - 11 ޖޫން 2026 - 05:02
ފީފާ ވޯލްޑް ކަޕް 2026 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ތާއީދުކުރައްވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ކަމުގައި އެމަނިކުފާނު ހާމަކުރައްވައިފިއެވެ.
ވޯލްޑް ކަޕުގެ ރަސްމީ ބޯޅަތަކެއްގައި ސޮއިކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ވަޒީރު ޢަބްދުﷲ ރާފިއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އާޖެންޓީނާއަށް ސަޕޯޓުކުރައްވަން ފެއްޓެވީ ފުޓުބޯޅައިގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ކުޅަދާނަކަމުގެ ސަބަބުން ކަމަށެވެ.
އާޖެންޓީނާގެ އިތުރުން، ރައީސް ދެން އެންމެ ބޮޑަށް ތާއީދުކުރައްވާ ޓީމަކީ އިންގްލެންޑެވެ. އެ ޤައުމަށް ސަޕޯޓުކުރައްވާ ސަބަބުތަކުގެ ތެރޭގައި، މަތީ ތަޢުލީމު ހާސިލުކުރެއްވުމަށް ގިނަ ދުވަސްތަކެއް ވަންދެން އެ ޤައުމުގައި ދިރިއުޅުއްވުމާއި، އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑަށް އޮތް ލޯތްބާއި ތާއީދު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެ ކަމަށް ބެލެވޭ ޓީމުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފްރާންސަށް މުބާރާތް ކާމިޔާބުކުރުމުގެ ބޮޑު ފުރުޞަތެއް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ހައިރާންކުރަނިވި ނަތީޖާއަކާއެކު ނެދަލެންޑްސް (ހޮލެންޑް) އިން ތަށި އުފުލާލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.
މިފަހަރުގެ މުބާރާތުގެ މެޗުތައް ތާވަލުކުރެވިފައިވަނީ އާންމުކޮށް މެޗުތައް ބަލަން ދަތި ވަގުތުތަކެއްގައި ކަމަށްވާތީ، ބައެއް މެޗުތައް ބަލައިލުމުގެ ފުރުސަތު ކުޑަވެދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތައް ބެލޭނެ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ބޭނުމީ ޝުހާދު މެރި މީހުން ވެސް މަރަން" ޝުހާދުގެ މަންމަ އާއި ބައްޕަ
9 މިނިޓު ކުރިން
.jpeg&w=3840&q=75)
ހުރިހައި އަތޮޅު ކައުންސިލްތަކެއްގެ އެސްޖީންތައް މަގާމުން ވަކިކޮށްފި!
9 މިނިޓު ކުރިން

ވޭވަށުގެ އިންތިޙާބުގެ މައްސަލަ އަށް މިއަދު ގޮތެއް ނިންމަނީ
ގަޑިއިރެއް ކުރިން

ވޯލްޑް ކަޕް 2026: މުޅި ދުނިޔެ ފާހަގަކުރާ ފުޓްބޯޅައިގެ ކުލަގަދަ އީދެއް!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)