
އެމިރޭޓްސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

މުޙައްމަދު ފަޟްލޫން - 01 ޖުލައި 2026 - 12:41
މެދުއިރުމަތީގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން އެމިރޭޓްސް އެއާލައިނުން ރާއްޖެއަށް ކުރަމުންދިޔަ ޝެޑިއުލް ދަތުރުތައް މެދުކަނޑާލުމަށްފަހު، ހަތަރު މަސްދުވަސް ފަހުން އަލުން ފަށައިފިއެވެ.
މި ބަދަލާއެކު އެ އެއާލައިނުން ވަނީ ރާއްޖޭގެ އިތުރުން އަވަށްޓެރި ސްްރީލަންކާއަށްވެސް ދަތުރުތައް އިއާދަކޮށްފައެވެ.
ކޮންމެ ދުވަހަކު ބާއްވާ މި ދަތުރުތަކަކީ އެމިރޭޓްސްގެ ދުބާއީ މާލެ ރޫޓަށް އިތުރުކުރެވުނު ފްލައިޓްތަކެކެވެ. މިގޮތުން ބޯއިން 777 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ކުރާ EK652 ފްލައިޓް މާލޭގައި ޖެއްސުމަށްފަހު ދަތުރުކުރާނީ ކޮލަމްބޯއަށެވެ.
އެނބުރި ދުބާއީއަށް ކުރާ EK653 ފްލައިޓްވެސް ކުރިއަށްދާނީ ކޮލަމްބޯއިން މާލެއަށް ޖެއްސުމަށްފަހުގައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެއް އެއާލައިން ކަމަށްވާ އެމިރޭޓްސްގެ ދަތުރުތައް އަލުން ފެށުމާއެކު، މެދުއިރުމައްޗާއި ޔޫރަޕްގެ އިތުރުން އެމެރިކާގެ ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކޭގޮތުގައި މި ދަތުރުތައް އަލުން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ވިޔަފާރީގެ ގުޅުންތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މުޅި ސަރަހައްދުގެ އެއާޕޯޓުތަކުން 30,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކުރަން ޖެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ އެމިރޭޓްސްގެ އޮޕަރޭޝަންތަކަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 30 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ މަގުން ދަތުރުކުރާ ފަރާތްތަކެވެ.
އެމިރޭޓްސްއިން މިހާރު ދަނީ އެ އެއާލައިންގެ ވިއުގަ އަލުން ބިނާކުރަމުންނެވެ. އެގޮތުން މާޗް މަހުގެ މެދަކާ ހަމައަށް 110 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ވަނީ ފަށާފައެވެ. ނަމަވެސް، މިހާރު ދަތުރުތައް ކުރަމުންދަނީ ކުރިން ބޭނުންކުރި ވައިގެ މަގުތަކުގެ ބަދަލުގައި، ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މަގުތަކެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޔާދިޔަ ފަތުރުވެރިއަކު ފުލުހުން ސަލާމަތްކޮށްފި
2 ގަޑިއިރު ކުރިން

ޗައިނާގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އޭއައި ތަޢާރަފުކުރުމަށް ނިންމައިފި
4 ގަޑިއިރު ކުރިން

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި
6 ގަޑިއިރު ކުރިން

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)