
ރޯދައަށް އެސްޓީއޯއިން ފިޔާ ބާޒާރަށް ނެރެނީ

އައިޝަތު އިބްރާހިމް - 15 ފެބްރުއަރީ 2025 - 10:57
ރޯދައާ ދިމާކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ބާޒާރަށް ފިޔާ ނެރުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސަރުކާރު ހިއްސާވާ ވިޔަފާރީގެ މައި ކުންފުނިން ބުނީ، ބާޒާރަށް ފިޔާ ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ފިޔާ ކިލޯއެއް އުޅޭނީ 16ރ. އަށް ކަމަށެވެ.
ފިޔާ ކިލޯއެއް 16ރ. އަށް އުޅޭ އިރު 25 ކިލޯގެ ފިޔާ ބަސްތާއެއް ލިބޭނީ 350ރ. އަށް ކަމަށެވެ. އަދި 10 ބަސްތާއަށް ވުރެ ގިނައިން ގަންނަ ނަމަ، ބަސްތާއެއް 340ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯގެ ފިހާރަތަކުން މި އަގުތަކުގައި މިހާރު ފިޔާ ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.
އެސްޓީއޯއިން ފިޔާ ބާޒާރަށް ނެރުމަށް ތައްޔާރުވެފައިވާއިރު، ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގައި ކަން ފާހަގަކޮށްލެވެއެވެ.
އެސްޓީއޯއިން ދުރާލައި ފިޔާ ބާޒާރަށް ނެރުނީ، ރޯދަމަހު ފިޔާ އަކީ އެންމެ ޑިމާންޑު ބޮޑު އެއް ބާވަތަށް ވާތީ އޭގެ އަގު ބާޒާރުގައި ކޮންޓްރޯލު ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން މިހާރު ވަނީ ކާއްޓާއި ލުނބޯ ވެސް ބާޒާރަށް ނެރުމަށްޓަކައި ސްޓޮކް ރާއްޖެއަށް ގެނެސްފައެވެ. މި ފެށޭ ހަފްތާގައި އެ ތަކެތި ބާޒާރުން ލިބޭނެ ކަމަށް އެެސްޓީއޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.
މީގެ އިތުރުންވެސް އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަމްބާ
ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޑް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުންވެސް ޑިމާންޑު ބޮޑުވާ ބައެއް ކާބޯތަކެތި ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހޭނެކަމަށް އެސްޓީއޯއިން ކުރިންވެސް ވަނީ ބުނެފައެވެ. ވަކިން ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދޭނެ ކަމަށްވެސް އެސްޓީއޯއިން ބުނެ އެވެ.
ރޯދަމަހާއި ދިމާކޮށް، ބޭނުންވާ ޒަރޫރީ ހުރިހާ އެއްޗެއް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަބަދުވެސް އެސްޓިއޯއިން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ވަކިން ޚާއްސަކޮށް ރޯދަ މަހު، ރައްޔިތުން އެންމެ ބޭނުންވާ ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން އަދާކުރަމުން އަންނަ ރޯލު ވަރަށް ބޮޑެވެ.