logo

އެމެރިކާއިން އަނެއްކާވެސް ޔަމަނަށް ބޮންއަޅައިފި، އިސްރާއީލުން ލުބުނާނާއި ސޫރިޔާއަށް ބޮންއަޅަނީ

profile

ސައިފް އަޒުހަރު - 17 މާރިޗު 2025 - 20:24

އެމެރިކާ ސިފައިން އަނެއްކާވެސް ޔަމަނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

https://wamco.com.mv/

ޔަމަނުގައި ވެރިކަންކުރާ ހޫޘީންގެ ސަރުކާރުގެ އަލް މާސިރާ ޓީވީން ބުނެފައިވަނީ، އެމެރިކާ ސިފައިން ބޮންއަޅާފައިވަނީ ހުޅަނގުގެ ހުދައިދާގެ ދަގަނޑު އުފައްދާ ފެކްޓަރީއަކަށް ކަމަށެވެ.

އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެމެރިކާއިން މީގެ ދެދުވަސްކުރިންވަނީ ޔަމަނުގެ 6 ރަށަކަށް ވަރުގަދައަށް ބޮންއަޅާފައެވެ.

އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި 51 މީހުން މަރުވެ، ސަތޭކަ އެތައްބަޔަކު ޒަޚަމްވިއިރު، މަރުވި ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ސަންޢާގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ސެންޓަރެއްވެސް ހިމެނެއެވެ.

އެމެރިކާގެ ހަމަލާތަކުގައި މަރުވި އަދި ޒަޚަމްވި ކުޑަކުދިންނާއި، އާންމުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އަދި ހަމަލާތައް އަމާޒުވި އާންމު އިމާރާތްތަކުގެ ދަށުން މީހުން ނެރޭ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައި ވާއިރުވެސް، އެމެރިކާ ސިފައިންގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އޮފް ދަ ޔޫއެސް ޖޮއިންޓް ޗީފްސް އޮފް ސްޓާފް މިރޭ ބުނެފައިވަނީ، އެމެރިކާ ސިފައިންގެ ހަމަލާތަކުގައި އާންމު އެއްވެސް މީހަކަށް ކަމެއްވީކަމުގެ "ތެދު މައުލޫމާތެއް" ލިބިފައި ނުވާ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯއާއި، ދިފާއީ ވަޒީރު ޕީޓް ހެގްސެތު ތަކުރާރުކޮށް ބުނަމުން ގެންދަނީ، ރަތްކަނޑުން ދަތުރުކުރާ ބޯޓުފަހަރަށް މިސައިލާއި ޑްރޯން ހަމަލާތައް ދިނުން ދާއިމަށް ހުއްޓާލިކަން ހޫޘީން އިއުލާން ކުރަންދެން ޔަމަނަށް ހަމަލާ ދޭނޭ ކަމަށެވެ.

އަދި ކުރިއަށް އޮތް ތާނގައި ޔަމަނަށްދޭ ވައިގެ ހަމަލާތައް އިތުރަށް ފުޅާކުރާނޭ ކަމަށްވެސް ގެންދަނީ ވައުދުވަމުންނެވެ. އަދި ހޫޘީންގެ ހަމަލާދިނުމުގެ ގާބިލްކަން މުޅިން ނެތެންދެން ހަމަލާދިނުން ކުރިއަށް ގެންދާނޭ ކަމަށްވެސް ބުނަމުން ގެންދެއެވެ.

ޔަމަނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާއިން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ބުނީ، އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ "ބާރުގެ ބޭނުންކޮށްގެން ސުލްހަ ގާއިމްކުރުމަށް" ކަމަށެވެ.

އެކަމަކު، އެމެރިކާއިން ޔަމަނަށް ދޭންފެށި ހަމަލާތަކަކީ، އިސްރާއީލަށް ކަނޑުގެ ސަރަހައްދު ބަންދުކުރިކަން ހޫޘީން އިއުލާންކުރުމުން އިސްރާއީލަށް ވާގިވެރިވެ، އިސްރާއީލުގެ ހިމާޔަތުގައި ދޭންފެށި ހަމަލާތަކެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އިންސާނީ އެހީ ހުއްޓުވައި ޣައްޒާގެ ރައްޔިތުން ބަނޑަށްމަރަން އިސްރާއީލުން މަސައްކަތް ފަށާފައިވާތީ، އެކަމާ ދެކޮޅަށް ޔަމަނުން ފިޔަވަޅު އެޅުމުން އެމެރިކާއިން މިނުކުތީ ޔަމަނު ހުއްޓުވުމަށެވެ.

އެމެރިކާއިން ޔަމަނަށް ބޮންއަޅަމުން ގެންދާއިރު، އިސްތިއުމާރީ އިސްރާއީލުން ފަލަސްތީނުގެ ރަށްތަކުގައި ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގައި ނުވިތާކަށް މިރޭވެސް ލުބުނާނަށާއި، ސޫރިޔާއަށް ވަރުގަދައަށް ބޮންއަޅާފައި ވެއެވެ.

ސޫރިޔާގެ ދާރާ ޕްރޮވިންސްގެ އެތައް ސިޓީއަކަށް އިސްތިއުމާރީ އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން 2 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވާއިރު، ލުބުނާނުގެ ދެކުނަށްވެސް ވަރުގަދައަށް ބޮންއަޅާފައިވާ ކަމަށް ލުބުނާނުން ބުނެއެވެ. މި ހަމަލާތަކުގައި އާންމުންގެ ދެމީހުން މަރުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ލުބުނާނު ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ހޫޘީން ބުނަމުންގެންދަނީ އެމެރިކާއަށް ފުކެއް ދޫނުދޭނޭ ކަމަށެވެ. ޣައްޒާގެ ހިސާރު އިސްރާއީލުން ދޫކޮށްލަންދެން ރަތްކަނޑު އިސްރާއީލަށް ބަންދުވީ ކަމަށާއި، އެމެރިކާއިން ޔަމަނަށް ހަމަލާދިނުމުން އިސްރާއީލުގެ އިތުރުން އެމެރިކާގެ ބޯޓުފަހަރަށްވެސް ކަނޑުތައް ބަންދުވީ ކަމަށް ބުނެފައި ވެއެވެ. އެއީ، ރަތްކަނޑު، އަރަބިކަނޑު، ގަލްފް އޮފް އަދަން އަދި ބާބުލް މަންދީބް ކަނޑުއޮޅިއެވެ.

ހޫޘީން އާދީއްތަދުވަހު ބުނެފައިވަނީ، ރަތްކަނޑު ސަރަހައްދުގައި އޮތް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ މަނަވަރަށް ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި އަދި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައި ވެއެވެ.

އަދި އެމެރިކާއާ ދެކޮޅަށް ތިންވަނަ އޮޕަރޭޝަނަށް މިހާރު ތައްޔާރުވެފައިވާ ކަމަށްވެސް ހޫޘީން ހާމަކޮށްފައި ވެއެވެ.

ހޫޘީންގެ އަސްކަރިއްޔާ "އަންސާރުﷲ" އަކީ ލުބުނާނުގެ ހިޒްބުﷲއަށްވުރެންވެސް ސިފައިންގެ ގޮތުންނާއި، ހަތިޔާރުގެ ގޮތުންވެސް އެތައްގުނަ ވަރުގަދަ ބާރެކެވެ.

އަންސާރުﷲ އަތުގައި ދުރުރާސްތާ އަދި ކުރުރާސްތާ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި، ހަމަލާދޭ ބާވަތުގެ ޒަމާނީ ޑްރޯންއާއި، ކަނޑުގެ ވަރުގަދަ ލަޝްކަރެއްވެސް އޮވެއެވެ.

ކަނޑުގެ އަޑީގައި މައިން އަޅައިގެން ހަމަލާދިނުމުގެ ގާބިލްކަންވެސް އެމީހުންނަށް ލިބިގެންވެއެވެ.

އެމެރިކާއާއި އަދި އެމެރިކާއާ ބައިވެރިވާ ހުޅަނގުގެ ގައުމުތައް ކަނޑުމަގުން ޔަމަނާ ގާތްވާން ނުކެރިގެން އުޅެނީ ދަންތުރައިގައި ޖެހޭނޭކަން އެނގޭތީއެވެ.

https://wamco.com.mv/
https://www.aslu.com.mv