
ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް މިންގަނޑުގައި ހިމަނައިފި

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 06:53
ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ފައިސާގެ ނިޝާން އެއް މިންގަނޑަކުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން، ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑްގައި ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ރަސްމީކޮށް ހިމަނައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި ގޮތުގައި، ދުނިޔޭގެ ޓެކްނޮލޮޖީގެ މިންގަނޑުތައް ކަނޑައަޅާ ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން މި ނިޝާން ހިމަނާފައިވަނީ ޔުނިކޯޑް 18.0 ވާޝަންގައެވެ.
މި ނިޝާން ޑިޖިޓަލްކޮށް ތަމްސީލުކުރުމަށްޓަކައި ޚާއްސަކޮށްފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.
ދިވެހި ރުފިޔާގެ ރަސްމީ ނިޝާނަކީ 2022 ވަނަ އަހަރު ރާއްޖޭގައި އަލަށް ތައާރަފުކުރެވުނު ނިޝާނެކެވެ.
އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ މިފަދަ މިންގަނޑަކުން ދިވެހި ފައިސާގެ ނިޝާނަށް ޖާގަ ލިބިގެންދިއުމަކީ، ރާއްޖޭގެ މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު އަދި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
މި ބަދަލާއެކު އެކި ވެބްސައިޓްތަކާއި، މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި، އެއްވެސް ދަތިކަމެއް ނެތި އެއް ހަމައަކުން ދިވެހި ރުފިޔާގެ ނިޝާން ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ކާމިޔާބީ ހާސިލުކުރުމަށްޓަކައި އަދި ދިވެހި ރުފިޔާގެ ނިޝާން ޔުނިކޯޑް މިންގަނޑަށް ފެއްތުމުގައި އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ދެއްވި އެންމެހައި ފަރާތްތަކަށް އެމްއެމްއޭ އިން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފި
ގަޑިއިރެއް ކުރިން

އީސީގެ ރައީސް ޝަކީލުގެ މައްސަލައެއް ފުލުހަށް ހުށަހަޅަނީ
ގަޑިއިރެއް ކުރިން

ފުވައްމުލަކު ސިޓީގައި ޑައިވީނަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ
ގަޑިއިރެއް ކުރިން

އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 39 ބެލެނިވެރިން އުނިކޮށްފި
ގަޑިއިރެއް ކުރިން


