
"ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026" ރަސްމީކޮށް ފަށައިފި

އާމިނަތު ޝަޒްލާ - 15 އޯގަސްޓު 2026 - 13:28
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 2026" ރަސްމީކޮށް ފަށްޓަވައިފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި، ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، ރާއްޖޭގެ ދީނީ ކަންކަން ކުރިއެރުވުމަށާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގައި ދީނީ ޢިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އިރުޝާދު ފާހަގަކުރައްވައި އެކަމަށް ތަޢުރީފު ކުރައްވާފައެވެ. މީގެއިތުރުން، މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޢިލްމުވެރިން ކުރައްވަމުންދާ އަގުހުރި މަސައްކަތްތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މިއަހަރުގެ މި މުހިންމު ބައްދަލުވުމުގައި 101 ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 22 ޒުވާން ޚަޠީބުންނާއި، 13 އިމާމުންގެ އިތުރުން 24 އިސްލާމް މުދައްރިސުން ހިމެނޭހެން ޖުމްލަ 59 ފަރާތަކުން ބައިވެރިވެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުން ޚާއްޞަކޮށްފައިވަނީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި މައުޟޫޢުގެ މައްޗަށެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޒަމާނީ މުޖުތަމަޢެއްގައި އިސްލާމީ ދަޢުވަތު ފެތުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަމުގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން އިލްމީ ފެންވަރެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.
މި ބައްދަލުވުމުގެ ތެރެއިން ދީނީ ގޮތުން މުހިންމު އެކި ދާއިރާތަކުން ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ދީނީ ދަޢުވަތުގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ މުހިންމު ފޯރަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެތައް މިލިޔަނެއް ޚަރަދުކޮށްގެން ހެދި އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، މައުލޫމާތުތައް ލީކުކޮށްލައިފި
ގަޑިއިރެއް ކުރިން

ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރަށް!
2 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އަލީ ޚާލިދު ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި
2 ގަޑިއިރު ކުރިން

އެޗްއާރްސީއެމަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި
3 ގަޑިއިރު ކުރިން


