logo

ޑްރަގްގެ ދެ ބޮޑުން ތިނަދޫން ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 05 ސެޕްޓެމްބަރު 2026 - 08:06

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ. ތިނަދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް މިދިޔަ ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަޕާ ސައުތު ޕޮލިސްގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

ގދ. އަތޮޅު ފުލުހުން ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކްކުރާކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ގދ. ތިނަދޫ މިއްރީޚުގެ ބަލައިފާސްކޮށް ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ ފުވައްމަލައް ދޯނާޑް އުމުރުން 31 އަހަރުގެ މުޙައްމަދު ޘަނާއު އާއި، ހަމަ އެރަށު ކެމީ އުމުރުން 30 އަހަރުގެ އިބްރާހީމް ނުއާސް އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރުކުރެވުނު މި ދެ މީހުންނަކީވެސް މަސްތުވާތަކެތީގެ މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބަލައިފާސްކުރި މި ތަކެތީގެ ތެރެއިން ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 107.72 ގްރާމުގެ ޝީޓަކާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 31.25 ގްރާމުގެ ޕެކެޓެއް ހިމެނެއެވެ. މި ތަކެތީގެ ޖުމްލަ ވަގުތީ ބަރުދަނަކީ 138.97 ގްރާމެވެ. މި އޮޕަރޭޝަނުގެ ތެރެއިން ތިނަދޫގެ އިތުރު ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319