logo

ގޮތް ނޭނގޭ މަރުތަކަށް އިންސާފު ލިބޭނީ ކޮންދުވަހަކުން ؟

profile

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2025 - 13:03

ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މަރުގެ ހާދިސާތައް ހިނގުން މިވަނީ އާއްމު ކަމަކަށް ވެފައެވެ.

https://wamco.com.mv/

މީހަކު މަރުވެގެން އުޅޭ ހަބަރު ނުލިބޭ ދުވަހެއް މަދުކަމަށް ބުނުން ދޮގަކަށް ނުވާނެއެވެ.

ރާއްޖެތެރޭގެ ރަށެއްގައި ފިރިހެނަކު ރަހުމް ކުޑަކޮށް މަރާލެވިފައިވާ ވާހަކަ އަޑު އިވި މާކަ ގިނަ ދުވަހެއް ނުވެއެވެ.

މަރުވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.

މިއަދު ހަނދާނަށް އަންނަނީ މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި ހިނގާފައިވާ މިފަދަ ހިތްދަތި ހާދިސާތަކެެވެ.

މާލޭގައި މީގެހަތަރު އަހަރު ކުރިން އަނިޔާވެރި ގޮތަކަށް ގުނަވަންތައް ބުރިކޮށްލެވި މަރާލި އަންހެން ކުއްޖެއްގެ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ. ކުށުގެ ވެށިން އެކުއްޖާގެ ގާތިލް ހައްޔަރުކުރެވި ފޮރެންސިކް ތަހުލީލްތައް ކުރިއަށް ގެންދިޔައެވެ.

ގޮތް ނޭނގޭ މަރުތައް އަދަދުކުރަން މަދުވާނެއެވެ. މިހާހިސާބުން ސުވާލު އެފެދެނީ މައްސަލަތައް ބަލަން ތިބި މުއައްސަސާތަކުގެ ޒިންމާއަށެވެ. ޒިންމާ ފުރިހަމަ އަށް އަދާކުރި ނަމަވެސް ބައެއް ހާލަތުގައި ހެކި ހޯދުމަކީ ދަތި ކަމެކެވެ. ހެކި ލިބުނަސް އެކަށީގެންވާ މިންވަރަށް، ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ނެތުމުގެ ސަަބަބުން ބައެއް މައްސަލަ ކުރިއަށް ނުގެންދެވި ދިގުލައިގެންދެއެވެ.

ނ އަތޮޅުގެ ދެ ރަށެއްގައި ދެ އަންހެނަކު ރަހުމް ކުޑަ ގޮތަކަށް މަރާލެވިފައިވާ އަޑުތައް ފެތުރިގެން ދިއުމާއެކު އެ މައްސަލަތައް ބަލަން ފުލުހުން އަވަސްވެގަތެވެ. މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ސުވާލުވެސް ކުރިއެވެ. ނަމަވެސް އަދި މިހާތަނަށް އެކަށީގެންވާ އަދަބެއް ދެވިފައެއް ނުވެއެވެ.

ތަންކޮޅެއް ދުރަށް ޖެހިލާއިރު މެދު ރާއްޖެތެރޭގެ ރަށެއްގައި ފަޅުގެއެއްގައި ހުރި ވަޅަަކަށް އުމުރުން ދުވަސްވީ މީހަކު ރަހުމްކުޑަ ގޮތަކަށް މަރާލުމަށްފަހު ވަޅެއްގެ ތެރެއަށް އެއްލާލައިފައިވަނިކޮށް ފެނިގެން އެމައްސަލަ ބަލައި ތަހުގީގް ކުރިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ގޮތް ނޭނގޭ މަރުތައް ހިނގުމަކީ މިއަދު އާއްމުވެފައިވާ ކަމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ދެކުނުގެ ރަށެއްގައި ދަންޖެހިފައިވާ ޒުވާނަކުވެސް މީގެ ކުރިން ފެނިފައިވާއިރު، މާލެއިންވެސް ގޮތް ނޭނގޭ މަރުތަކެއް ހިނގައިފައިވެއެވެ.

މަރުތަކަށް އިންސާފު ހޯދައިދިނުމަށް އެކި ސަރުކާރުތަކުގައި ވަރަށް ގިނަ މަސައްކަތް ކުރިއެވެ. ނަމަވެސް އެދެވޭ ކުރިއެރުމެއް ލިބިފައިނުވަނީ ކަމުގެ ހައްސާސް ކަމުންނެވެ.

ހަމައެކަނި ސަރުކާރަށް މަރުވާ ސަަބަބު ދެނެގަތުމަށް އުނދަގޫ ވާނެއެވެ. ސަބަބަކީ މަރާލުމުގައި އަދި މަރުވުމުގައި އެތައް ބައެއް ޝާމިލްވާތީ އެވެ.

މީހުން މެރުމާއި މީހުންނަށް އަނިޔާދިނުމަކީ ހަމައެކަނި ރާއްޖޭގައި ހިނގާކަމެއް ނޫނޭ ބައެއް ފަރާތްތަކުން ބުނި ނަމަވެސް މި ކުޑަކުޑަ 5 ލައްކަ ހަމަނުވާ ރާއްޖޭގެ އަމާން ކަމާއި ރައްކާތެރިކަން ގެއްލިގެންދާ ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މީގެ ކުރިން 2000 ގެ އަހަރުތަކުގައި ހިނގާފައިވާ މަރުތަކަށް ނަޒަރު ހިންގާލާއިރު ވިޔަފާރިވެރިންގެ ޖަމުއިއްޔާގެ ތެރޭގައި ރަހުމްކުޑަ ގޮތަކަށް އަންހެނަކު މަރާލެވިފައިވެއެވެ. އޭގެ ފަހުން މަޖިލިސް މެމްބަރަކު ރަހުމް ކުޑަކޮށް މަރާލެވުނެވެ. އެ މައްސަލަ ބަލަން އޭރުހުރި ޕޮލިސް ކޮމިޝަނަރު އޭރު ވިދާޅުވީ ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ. އާހިރު ނަތީޖާ އަކަށްވީ ގާތިލުން ރާއްޖެއިން ފުރައިގެން ގޮސް މަރާލެވުނު މެމްބަރު ޝާހީ އިއްޒަތުގައި ފަސްދާނު ވެޑުވުމެވެ. އިންސާފު އޮތީ ފަސްއެޅި ފޮރުވިފައެވެ.

މަރާލެވުނު މަޖިލިސް މެމްބަރުގެ މަރުގެ ހަގީގަތް ހޯދަން އުޅުނު ނޫސްވެރިޔާ ވަގަށް ނަގައި ގެއްލުވާލިއެވެ. އަދިވެސް އޭނާ މަރުވިގޮތެއް ސާފެއް ނޫނެވެ. އެނގޭހާވެސް އެއްޗަކީ ރަތްކުލައިގެ ކާރަކަށް ހުޅުމާލެއިން އަރުވައިގެން އޭނާ އަތިރިމައްޗަށް ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވައިގެން ކަނޑަށް ނިކުތް ކަމެެވެ. ދެންވީގޮތެއް އެނގޭ އެއްވެސް މީހަކު ނެތެވެ.

ނޫސްވެރިޔާ މަރުވި މައްސަލަ ބެލުމަށް ދެން މަސައްކަތް ފެށީ ބްލޮގަރެކެވެ. ބްލޮގަރުވެސް އަނިޔާވެރި ގޮތަކަށް ބޮލަށް ހަމަލާދީ މަރާލެވުނެވެ. އެމަރުގެ ގާތިލްވެސް ސާފުވާ ގޮތެއް ނުވިއެވެ. ކޮންމެ މަރެއް ނިމޭއިރު ސީސީޓީވީ ތައް ހުންނަނީ މައްސަލަ ޖެހިފައެވެ. ނޫނީ ހަލާކުވެފައެވެ. ނޫނީ ފުޓޭޖް ފުހެވިފައެވެ. އެހެންކަމުން އެއްވެސް މައްސަލައެއްގައި އެތަކެތި ބޭނުން ކުރެވޭ ވަރެއް ނުވެއެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ އަމާން ކަމާއި ރައްކާތެރިކަމާއި އެކުވެރިކަމާއި ސުލްހައަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް ވަނީ މަޝްހޫރުވެފައެވެ. ނަމަވެސް މިއަދު މަދުން ނަމަވެސް ހިނގަމުންދާ މިފަދަ ހާދިސާތަކުގެ ސަބަބުން މިކަން ބަދަލުވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ގަސްތުގައި މީހަކު މެރުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެކެވެ. ހައްގަކާއި ނުލާ މީހަކު ގަތުލު ކުރުމަކީ ހެއްދެވި ފަރާތުގެ ޒާތުފުޅަށްވެސް ހަރާމް ކުރައްވާފައިވާ ކަމެއްކަން ކީރިތި ގުރުއާނުން އެނގެން އޮތް އިރު އެކަން ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

މަރަށް މަރު ހިފުމަކީ އިސްލާމް ދީނުގައި ކަން އޮތް ގޮތް ނަމަވެސް މިއަދު މަރަށް މަރު ހިފުމަކީ ކުރަން އުނދަގޫ ކަމެކެވެ. އެކަން އެހެން ދިމާވަނީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ބައެއް ކަހަލަ ޖަމުއިއްުޔާ އަދި ޖަމާއަށްތަކުގެ ސަބަބަބުންނެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމުއިއްޔާތަކާއި ޖަމާއަށްތައް ގިނަވި ނަމަވެސް އަދުލު އިންސާފު ގާއިމްކުރަންޖެހޭ ވަގުތު އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމާއަތްތައް ގިނަ ފަހަރު ދެނީ ބީރު ކަންފަތެކެވެ.

ނަތީޖާއެއްގެ ގޮތުން އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ވޭތުވެގެންދެއެވެ.

އަދުލު އިންސާފު އެންމެ ފުރިހަމަ ގޮތުގައި ގާއިމްކުރެވޭ ނަމަ، ގޮތް ނޭނގޭ މަރުތަކާއި މާރާމާރީތައް ހިނގާ މިންވަރު މަދުވާނެއެވެ.

https://etukuri.mv/
https://www.aslu.com.mv