
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ ކަމަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މުޙައްމަދު ފަޟްލޫން - 09 ޖުލައި 2025 - 07:21
ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ދަށްވަމުންދާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ މެމްބަރު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމެވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 10 މެމްބަރުންނެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ހުޅުމާލޭގައި އުޅެމުން އަންނައިރު އެތަަނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން އާސަންދަ އެއްކޮށް ކަވަރުނުކުރާތީ ގިނަ ބަޔަކަށް ސަރުކާރު ހޮސްޕިޓަލުތަކުން ހިދުމަތް ހޯދަން ވަނީ މަޖުބޫރުވެފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް މަހެއްގެ މައްޗަށް 15،000 މީހުން ޑޮކްޓަރަށް ދައްކަންދާ ކަމަށާއި އެކަމަކު ތަނުގެ ހިދުމަތްތަކާ މެދު އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްދިނުމާއި އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދިނުމާއި ހިދުމަތް ދިނުމުގައި ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން މަދުވުމުގެ މައްސަލަ އެބަ އޮތް ކަމަށް ކުއްލި މައްސަލައިގައި ފާޙަގަކޮށްފައިވެއެވެ.
ކުއްލި މައްސަލައިގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި، ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ނަމަވެސް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުމާއި، މިވަގުތު ހޮސްޕިޓަލުގައި ނިއުރޮލޮޖިސްޓެއް ނެތުމާއި، އިންޓަވެންޝަން ކާޑިއޮލޮޖިސްޓެއް މިވަގުތަށް ނެތުމުން ހާޓްއެޓޭކެއް ޖެހިގެން މީހަކު ގެންގޮސްފި ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތް ކަމާއި އައިޖީއެމްއެޗަށް ފޮނުވުން ނޫން ކަމެއް ކުރެވެން ނެތްކަން ވެސް ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މީގެ ހަފްތާއެއް ކުރިން ވެސް ހުޅުމާލެ ހޮސްޕިޓަލްގެ ކަރަންޓުގެ މައްސަލައެއް ދިމާވެ ވަގުތީ ގޮތުން އޯޕީޑީގެ ހިދުމަތް އެހެން ތަނަަކަށް ބަދަލުކުރަން ޖެހުމާއި އޯޕީޑީގެ ހިދުމަތް ހޮސްޕިޓަލުން ދޭން ހަ ގަޑިއިރު ނެގިކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެހެންވެ، ހޮސްޕިޓަލުގެ ފެންވަރު ދަށްވާ މައްސަލާގައި އާންމުންގެ ކަންބޮޑުވުން އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަަމަށް ގެނައުމަށް މައްސަލަ ހުށަހެޅި ނަމަވެސް މަޖިލީހުން ފާސްކުރީ އެ މައްސަލަ ބޭރުކޮށްލާށެެވެ.
ހުޅުމާލޭގެ ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު އާންމުންގެ ޝަކުވާ އިތުރުވެފައިވާއިރު އެތަން ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކޮށް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން