logo

ސަލްމާންގެ "ބެޓްލް އޮފް ގަލްވާން" ގެ ޕޯސްޓަރ ދައްކާލައިފި

profile

އައިޝަތު އިބްރާހިމް - 06 ޖުލައި 2025 - 06:47

ސަލްމާން ޚާންގެ ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ފުރަތަމަ ފެނިލުމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.

https://wamco.com.mv/

މިއީ ސަލްމާން ޚާންގެ ކުރިއަށް އޮތް ބޮޑު ޕްރޮޖެކްޓް ރަސްމީކޮށް އިއުލާންކުރުން ކަމުގައި ފިލްމީ މަސްރަހް ދިރާސާކުރާ މީހުންބުނެއެވެ. ސިކަންދަރުގެ ނާކާމިޔާބީއަށް ފަހު އަނެއްކާވެސް ސަލްމާން ސްކްރީނަށް އަންނާނީ ޤައުމިއްޔަތުގެ ހަނގުރާމައިގެ ޑްރާމާ އެއް ކަމަށްވާ "ބެޓްލް އޮފް ގަލްވާން" އިންނެވެ.

މި ފިލްމަކީ 2020 ވަނަ އަހަރު ލަޑާކްގެ ގަލްވާން ވާދީގައި އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ. އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމުގެ މުހިއްމު ރޯލަކުން ޗިތުރަންގްދާ ސިންގް ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ވާހަކައަކީ ފަހުގެ ތާރީޚުގައި އިންޑިއާގެ ބޯޑަރު ސަރަހައްދުގައި ހިނގި އެންމެ ބޮޑު އެއް ހަމަނުޖެހުން އަލުން ކިޔައިދޭ ވާހަކައެކެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ހަތިޔާރު ބޭނުން ނުކޮށް މާރާމާރީ ހިންގާފައިވާ ކަމެވެ.

މި މޯޝަން ޕޯސްޓަރު ސަލްމާންގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައި ވާއިރު، ޕޯސްޓަރުގައި އޭނާ ފެނިގެންދަނީ މޫނުގައި ލޭހޭކިފައިވާ، ސިފައިންގެ ޔުނިފޯމެއްގައި ތޫނު އަދި ހަރުކަށި ބެލުމަކާ އެކުއެވެ.

ސަލްމާން ޚާން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މި ޕޯސްޓުކޮށްފައި ވަނީ ޖުލައި 4، 2025 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ޕޯސްޓަރުގައި ސަލްމާން ފެންނަނީ ހަނގުރާމައިގެ ވައްޓަފާޅިއާއި ލޭއޮހޮރުވާފައިވާ މަންޒަރެވެ. އޭނާގެ މޫނުމަތިން ޒަހަމްތަކެއް ފެނުނު ނަމަވެސް ދެލޮލުން ފެނުނު ހަރުކަށި ނަޒަރުން އެންމެންގެ މޭމައްޗަށް ފިނިކަމެއް ވެރިވެގެން ދިޔަކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ސަލްމާން އެ ޕޯސްޓަރު ހިއްސާކުރީ ވިޝުއަލް ކެޕްޝަނަކާ އެކުއެވެ.

މި ޕޯސްޓަރުގައިވާ ޖުމުލައެއްގައި ބުނެފައިވަނީ "15،000 ފޫޓަށްވުރެ މަތީގައި، އެއްވެސް ބަޑިއެއް ނުޖަހައި އެންމެ ވަރުގަދަ ހަނގުރާމަ އިންޑިއާ ކުރި" ކަމަށެވެ.

ފިލްމު ޑައިރެކްޓް ކުރަނީ އަޕޫރްވާ ލަކިއާ ކަމަށާއި، ޕްރޮޑިއުސް ކުރާނީ ސަލްމާން ޚާން ފިލްމްސް އިން ކަމަށްވެސް ބުނެފައި ވެއެވެ. މިޔުޒިކް ކޮމްޕޯޒަރަކީ ހިމޭޝް ރެޝައްމިޔާ އެވެ.

ފިލްމުގައި ހަރުޝިލް ޝާހް، އަނކޫރު ބާޓިއާ، އަދި ހީރާ ސޯހަލް ވެސް ފެނިގެންދާނެއެވެ. ފިލްމު ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ރިޝީ ބަގްރީ ބުނީ، މިއީ ސަލްމާގެ ފިލްމީ ކެރިއަރުގައި ހަޤީޤީ ހަޔާތުގެ ހީރޯއެއް ކަމަށްވާ ކާނަލް ސަންތޯޝް ބާބޫގެ ރޯލުން ސަމާލުކަން ލިބެން ޖެހޭ ނެރޭޓިވްއެއްގައި ދައްކުވައިދޭ ފުރަތަމަ ފަހަރު ކަމަށެވެ.

މިދިޔަ 2020 ޖޫން މަހު މުޅި ދުނިޔެ ލޮކްޑައުންކޮށްފައި ވަނިކޮށް ލަޑާކްގެ ގަލްވާން ވާދީގައި އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު މާރާމާރީއެއް ހިނގާފައިވެއެވެ. އެއީ ހިލައާއި، ރޮނޑާއި، ކަނޑާފައި ހުންނަ ވަޔަރު ބޭނުންކޮށްގެން، ހަތިޔާރު ނުވަތަ މިސައިލެއް ވެސް ނުހިމެނޭ ގޮތަށް އަތްފޯރާ ފަށުގައި ހަނގުރާމަ ކުރުމެވެ. ކާނަލް ބީ ސަންތޯޝް ބާބޫ ހިމެނޭ ގޮތަށް އިންޑިއާ ސިފައިންގެ 20 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، ޗައިނާ ސިފައިންގެ 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ކުރިމަތިލުމަކީ ފާއިތުވި 45 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިނގި ފުރަތަމަ ނުރައްކާތެރި ކުރިމަތިލުން ކަމުގައިވީ ނަމަވެސް، މިކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ. މި ފިލްމަކީ ޤައުމީ ހަނދާނުން އިހުމާލުވެފައިވާ މި ޗެޕްޓަރު ދިރުވައި، އެ ބިރުވެރި ހަނގުރާމައިގައި ދެއްކި ހިތްވަރުގަދަކަމުގެ ހަނދާންތައް އައުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފިލްމެއް ކަމަށްވެސް ރިޝީ ބަގްރީ ވަނީ ބުނެފައެވެ.

https://etukuri.mv/
https://www.aslu.com.mv