logo

ތިލަފުށީގައި "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގެ ކެޕޭސިޓީ ބޮޑުކޮށްފި

profile

ރިޟްވާން މޫސާ - 26 މާރިޗު 2026 - 18:20

މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ޤާއިމްކޮށްފައިވާ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގެ ކެޕޭސިޓީ ބޮޑުކޮށްފި އެވެ.

https://wamco.com.mv/

ތިލަފުށީގައި ޤާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މި ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުންނެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ އެބަހުއްޓެވެ.

މި ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން މި ކުންފުނިން ވަނީ މިހާރު އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށްފައެވެ. އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސުޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެއެވެ.

މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެއެވެ.

އެހެން ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުންނެވެ. ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް މި ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފައެވެ.

ސީ.އެޗް.އީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި ސަރވޭތައް ފުރިހަމަކޮށްފައިވާ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށެވެ. މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތަކެވެ.

މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވެފަ އެވެ.

އެމް.ޕީ.އެލްގެ އަމާޒަކީ 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް، ޚިދުމަތް ދޭން ފެށުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk