
ބޭކާރު ވާހަކަތަކާއި ކަންކަމުން ދުރުހެލިވުން

މުހައްމަދު މުޝްރިފް - 05 ނޮވެމްބަރު 2025 - 17:14
އެއްވެސް ފައިދާއެއް ނެތް ބޭކާރު ވާހަކަތަކާއި، ކަންކަމުން ދުރުހެލިވުމަކީ، މުއުމިނުންގެ ރިވެތި ސިފައެއް ކަމުގައި އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ މުހިންމު އަޚްލާޤީ އަދަބެކެވެ. މިއީ މީހާގެ ދުނިޔެވީ އަދި އާޚިރަތުގެ ޙަޔާތަށް ވެސް ފައިދާ ކުރާނެ ކަމެކެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
﴿ قَدْ أَفْلَحَ الْمُؤْمِنُونَ * الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ * وَالَّذِينَ هُمْ عَنِ اللَّغْوِ مُعْرِضُونَ ﴾
މާނައީ: "މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ." (ސޫރަތުލް މުއުމިނޫން: 1-3)
މި އާޔަތްތަކުން އެނގިގެން ދަނީ، ބޭކާރު ކަންކަމުން ދުރުހެލިވުމަކީ، ކާމިޔާބު މުއުމިނުންގެ އެންމެ އަސާސީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ބޭކާރު ވާހަކަތަކާއި ކަންކަމުން ދުރުވުމާއި ބެހޭ ގޮތުން ހުރި މުހިއްމު ފިޤުހީ ނުކުތާތަކަށް ބަލާލާނަމެވެ.
- ލަޣްވް ގެ (ނުވަތަ ބޭކާރު ވާހަކަތަކާއި ކަންކަމުގެ) މާނަ: ޢިލްމުވެރިން ވިދާޅުވާ ގޮތުގައި "ލަޣްވް" އަކީ ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުންވެސް އެއްވެސް މަންފާއެއް ނެތް ހުރިހާ ވާހަކައަކާއި ޢަމަލެކެވެ. މީގެ ތެރޭގައި ޙަރާމް ކަންތައްތަކާއި (ޣީބަ، ދޮގު) އަދި މުބާޙަ ކަންތައްތަކުގެ ތެރެއިން އިސްރާފުކުރެވޭ ކަންތައްތައްވެސް ހިމެނެއެވެ.
- ނަފްސު ޠާހިރުކުރުން: ބޭކާރު ވާހަކަތަކާއި ކަންކަމުން ދުރުވުމުގެ ފިގުހީ އަނެއް ނުކުތާ އަކީ ނަފްސު ޠާހިރުކުރުމެވެ. (ސުނަން އަބޫ ދާއޫދު ރިވާކުރެއްވި ޙަދީޘެއްގައި އިޝާރާތް ކުރައްވާފައި ވެއެވެ.) ފިޠުރު ޒަކާތުގެ އެއް މަޤްޞަދަކީ: ރޯދަވެރިޔާގެ ރޯދައަށް އައިސްފައިވާ އުނިކަމާއި، އެކަމުގެ ތެރޭގައި ކުރެވިފައިވާ ފާފަތަކާ އަދި ލަޣްވް ނުވަތަ ދައްކާފައިވާ ބޭކާރު ވާހަކަތަކުގެ މައްޗަށް ހުރި ޠާހިރުކަމެކެވެ.
މިކަމުން އެނގިގެންދަނީ، ރޯދަ ހިފުމުގެ މަތިވެރި އަޅުކަމަށް ވެސް ބޭކާރު ވާހަކަތަކުގެ ސަބަބުން އުނިކަން އަންނަކަމާއި، އެއީ ޠާހިރުކުރަންޖެހޭ ކަމެއްކަމެވެ.
ޙަރާމް ލަޣްވް (ބޭކާރު)ގެ ނުރައްކާ: ބޭކާރު ވާހަކަތަކުގެ ތެރެއިން އެންމެ ނުރައްކާތެރީ ﷲ ޙަރާމް ކުރައްވާފައިވާ ޣީބަ ބުނުމާއި ދޮގުހެދުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
" އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ." (ސޫރަތުލް ޙުޖުރާތު: 12) މި އާޔަތުން ޣީބައިގެ ހުތުރުކަން ވަރަށް ބޮޑަށް ބަޔާންކޮށްދެއެވެ.
ރަސޫލުﷲ صلى ﷲ عليه وسلم ޙަދީޘްފުޅުތައް މިކަމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަކޮށްދެއެވެ
ތިމާ އާއި ނުބެހޭ ބޭކާރު ވާހަކަތަކާއި، ކަންކަމުން ދުރުހެލިވުމަކީ އިސްލާމްކަން ފުރިހަމަވުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ރަސޫލުﷲ صلى ﷲ عليه وسلم ޙަދީޘް ކުރެއްވި އެވެ.
"މީހާގެ އިސްލާމްކަން ފުރިހަމަ ވުމުގެ ތެރެއިން ވަނީ، އޭނާޔާ ނުބެހޭ ކަންކަމުން (އެބަހީ: ބޭކާރު ކަންކަމުން) ދުރުހެލިވުމެވެ." (އައްތިރުމިޛީ 2317)
މީގެ އިތުރުން އާޚިރަތުގެ ސަލާމަތްކަން ހޯދުމަށްޓަކައި ތިމާ އާއި ނުބެހޭ ބޭކާރު ވާހަކަތަކާއި، ކަންކަމުން ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރަސޫލުﷲ صلى ﷲ عليه وسلم ގެ ޙަދީޘްފުޅެއްގައި ވެއެވެ.
އެކަލޭގެފާނުގެ އަޞްޙާބު ބޭކަލެއް ކަމަށްވާ މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ މައްޗަށް އެންމެ ބޮޑަށް ބިރުފުޅުގަންނަ ކަމަކީ ކޮބައިތޯއެވެ؟
ރަސޫލުﷲ صلى ﷲ عليه وسلم އެކަލޭގެފާނުގެ ދޫފުޅަށް އިޝާރާތް ކުރައްވައި ޙަދީޘްކުރެއްވިއެވެ. "މިއެވެ!" (އައްތިރުމިޛީ 2616)
މި ބަސްފުޅުން ދުލުގެ ނުރައްކާތެރިކަން އަދި ބޭކާރު ވާހަކަތައް ދޫކޮށްލުމުގެ މުހިންމުކަން ހާމަވެއެވެ.
ނަފްސު އިޞްލާޙުކުރުމަށްޓަކައި މުއުމިނުންނަށް ލާޒިމުވަނީ ޙަޔާތުގެ ކޮންމެ މަރުޙަލާއެއްގައިވެސް މި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުކަން ދިނުމެވެ. ޚާއްޞަކޮށް މިއަދުގެ ސޯޝަލް މީޑިއާގެ ޒަމާނުގައި، ވާހަކަ ދެއްކުމުގައި ފަސޭހަކަން އަންނަ މިންވަރަކަށް ބޭކާރު ނުވަތަ ފާފަވެރި ވާހަކަތައް ދެކެވުމުގެ ފުރުޞަތު ބޮޑެވެ.
މިއަދުގެ ޑިޖިޓަލް ޒަމާނުގައި، ޚާއްޞަކޮށް ސޯޝަލް މީޑިއާގެ ތެރޭގައި، ބޭކާރު ވާހަކަތަކާއި ކަންކަމުން ދުރުހެލިވުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ވާހަކަ ދެއްކުމުގެ ކުރިން ފިކުރުކުރުން ލާޒިމުވެއެވެ. ދެކެވޭ ވާހަކައަކީ ޙަލާލު، ފައިދާހުރި، ނުވަތަ ޟަރޫރީ ވާހަކައެއްތޯ ވިސްނާ ބެލުން ހުއްޓެވެ. ޙަސަން އަލް-ބަޞްރީ ރަޙިމަހުﷲ ވިދާޅުވާ ކަމަށްވެއެވެ: "ހިތް މަޑުމައިތިރިކުރަން ބޭނުންނަމަ، ވާހަކަ މަދުކުރާށެވެ. ބޭކާރު ކަންކަން ދޫކޮށްލާށެވެ."
ފައިދާހުރި ކަމެއް ނުވަތަ އަޅުކަމެއް ކުރުމަށް ފުރުޞަތު ލިބިފައި އޮއްވައި، ބޭކާރު ވާހަކަތަކާއި މަންފާ ނެތް ކަންކަމުގައި ވަގުތު ބޭކާރުނުކުރުމަކީ ތިމާގެ ނަފުސު ތާހިރު ވެގެންދާނެ ކަމެކެވެ. އެހެން ކަމުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެ މުސްލިމަކު ވެސް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ދުލާއި ހަށިގަނޑުގެ ހުރިހާ ގުނަވަންތައް ބޭނުންކުރަންވީ ގޮތުގައި ބޭނުންކުރުމުގެ ތައުފީޤު ދެއްވާށި! އަދި ބޭކާރު ވާހަކަތަކުން ދުރުހެލިވެ، އެއިލާހު ރުއްސަވާ ކާމިޔާބު މުއުމިނުންގެ ތެރެއިން ލެއްވުން އެދި ދުޢާ ކުރަމެވެ. އާމީން.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


