
ކުޅުދުއްފުށި ސިޓީ ފިހާރަތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި

މުޙައްމަދު ފަޟްލޫން - 11 ޖެނުއަރީ 2026 - 07:09
ކުޅުދުއްފުށި ސިޓީގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ސިޓީގެ ފުލުހުން އިސްނަގައިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 10ވަނަ ދުވަހު ހިންގި މި ހަރަކާތަކީ، ވިޔަފާރިކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގެ ބައެއް ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވެރިންނަށް މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފިހާރަތަކުން ވައްކަންކުރުމާއި، އެ ނޫންވެސް ޖިނާއީ ކުށްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ވިޔަފާރިވެރިން އަހުލުވެރިކުރުވުމެވެ.
މިގޮތުން، ފިހާރަތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ހުރީ ރަނގަޅަށް މަސައްކަތްކުރާ ހާލަތެއްގައިތޯ ދެނެގަތުމަށާއި، ފައިސާ ގެންގުޅުމުގައި ސަމާލުކަންދިނުމަށާ އަދި ހާއްސަގޮތެއްގައި ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރުން، ފިހާރަ ބަންދުކުރުމަށްފަހު ދާއިރު،ފިހާރަތެރޭގައި އަލިކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އިރުޝާދުދީފައިވެއެވެ. މިއީ ފިހާރައިގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުށްކުރާ ފަރާތްތަކަށް އޮންނަ ފުރުސަތުތައް ހަނިކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ސަލާމަތީ މަސައްކަތްތަކުގެ ބައެކެވެ.
ކުޅުދުއްފުށި ސިޓީ ފުލުހުން އަންނަނީ މިފަދަ އެކި ހަރަކާތްތައް މެދުވެރިކޮށް ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
8 މިނިޓު ކުރިން

މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން
3 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން
3 ގަޑިއިރު ކުރިން

އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސަކީ ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު ޢާއިޝަތު ޝިހާމް
3 ގަޑިއިރު ކުރިން


