
މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން

ޝަހްޒާ މުޙައްމަދު - 11 ޖެނުއަރީ 2026 - 13:24
ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އެބައޮތް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗެއަރމަން އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޞިއްދީޤު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ދާޚިލީ ސަލާމަތުގެ ދާއިރާގައި އެންމެ އިސްކަންދެއްވާ އެއް މަސައްކަތް ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދުތަކަށް އަލިއަޅުއްވާލައްވަމުން ޞިއްދީޤު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގާތްގަނޑަކަށް 10،000 އެއްހާ މީހުން މި ވަބާގައި ޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދާޚިލީ ވުޒާރާއާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އަލުން މުޖުތަމަޢަށް ނެރުން ހިމެނޭކަން ފާހަގަކުރައްވައި ޞިއްދީޤު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި ޚިދުމަތްތައް ފޯރުކޮށްދޭނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
ޞިއްދީޤު އިތުރަށް ވިދާޅުވީ މިއަހަރަކީ ކަންތައްތައް ތަންފީޒުކޮށް، އަމަލީ ނަތީޖާ ނެރުމަށް އަމާޒު ހިފާފައިވާ އަހަރެއް ކަމަށެވެ. އެގޮތުން އެންޑީއޭގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސް، އިތުރު ފެސިލިޓީތަކާއެކު ހަރުދަނާ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރައްވައި، ޞިއްދީޤު ވަނީ މިކަމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން މުހިންމު ކަމަށް ވިދާޅުވެފައެވެ. ޚާއްޞަކޮށް، ފަރުވާ ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ މީހުން ބާކީ ނުކޮށް، އެމީހުން ބަލައިގަތުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް
ގަޑިއިރެއް ކުރިން

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ޝަހީދު އަލީ ސްކޫލު ހުޅުވުމަށް، ފަހުގެ ތައްޔާރީތައްވަނީ
2 ގަޑިއިރު ކުރިން

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
5 ގަޑިއިރު ކުރިން


