
ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 15:50
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމުން މިހާތަނަށް 128 ޝަކުވާއެއް ހުށައެޅިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޮންނަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގަ އެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 15:00އާ ހަމައަށެވެ.
އިލެކްޝަނުން ބުނީ ލިސްޓަށް އެންމެ ގިނައިން ހުށަހަޅާފައިވާ ޝަކުވާތަކަކީ ނިޔާވެފައިވާ ފަރާތްތަކާއި ގުޅޭ މަޢުލޫމާތާއި އަދި އެޑްރެސްގެ މައްސަލަތައްކަމަށެވެ.
ލިސްޓަށް މީހަކު އިތުރުކުރުން ނުވަތަ އުނިކުރުން ނުވަތަ ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށްވެސް ވިދާޅުވިއެވެ. އިލެކްޝަންސްއިން ވިދާޅުވީ ރަސްމީ ލިއުމެއްގެ ގޮތުގައި ބަލައިގަންނާނީ އައިޑީ ކާޑު ކޮޕީއާއި، ރަށްވެހިކަމުގެ ލިއުމެއް ނުވަތަ ގޭގެ ރަޖިސްޓްރީ ނުވަތަ ސަރުކާރުގެ ކަމާއި ގުޅޭ އިދާރާއަކުން ދޫކޮށްފައިވާ ލިއުމެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓު އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލް އިދާރާގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަނެއް ނުވަތަ ފޮށި ބަލަން ބޭނުންވާ ފަރާތްތަކަށް (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެންވެސް ބަލާލެވޭނެއެވެ.
ވޯޓާސް ލިސްޓާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި 69،408 ފަތުރުވެރިން ރާއްޖެއަށް
ގަޑިއިރެއް ކުރިން

ރޯދަ މަހުގެ ކުރިއަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާލެވޭނެ- އިސްލާމިކް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ޝަހީދު އަލީ ސްކޫލު ހުޅުވުމަށް، ފަހުގެ ތައްޔާރީތައްވަނީ
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން
7 ގަޑިއިރު ކުރިން


