logo

ނަރަކައިގެ ޢަޛާބު: ދީނީ، ބުއްދީގެ އަދި ޢިލްމީ ނަޒަރަކުން

profile

މުހައްމަދު މުޝްރިފް - 24 ނޮވެމްބަރު 2025 - 06:39

އިސްލާމްދީނުގެ ޢަޤީދާގައި، ޤިޔާމަތް ދުވަހަކީ ޙަޤީޤަތެއް ކަމާއި، އެދުވަހަށް ފަހު އަމަލުތަކަށް ޖަޒާ ދެއްވާނެކަމަށް އީމާންވުން ހިމެނެއެވެ. ޖަޒާ ދެއްވުމުގައި، ހެޔޮ ޢަމަލުކުރި މީހުންނަށް ދެއްވާ ސުވަރުގޭގެ ނިޢުމަތާއި، ނުބައި ޢަމަލުކުރި މީހުންނަށް ދެއްވާ ނަރަކައިގެ ޢަޛާބު ހިމެނެއެވެ.

https://wamco.com.mv/

ނަރަކައިގެ ޢަޛާބުގެ ވާހަކަ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކުރައްވާފައިވެއެވެ. މި ރިޕޯޓުގައި ބަލާލާނީ، ނަރަކައިގެ ޢަޛާބުގެ މައްޗަށް ދީނީ ނަޒަރަކުން ބަލައި، އެކަން ބުއްދީގެ އަލީގައި ވިސްނާލެވޭނެ ގޮތްތަކާއި، ސައިސާއި ޢިލްމީ ގޮތުން އެކަމުގެމައްޗަށް ބާރު ލިބޭ ހެކިތަކުގެ މައްޗަށެވެ.

ނަރަކައިގެ ޢަޛާބުގެ ވާހަކަ ދީނީ ނަޒަރަކުން ބަލާއިރު، އެންމެ ފުރަތަމަ ފާހަގަކުރެވެނީ ﷲ ތަޢާލާގެ ޢަދުލުވެރިކަމެވެ. ބުއްދީގެ އަލީގައި ވިސްނާލާ އިރު، ދުނިޔޭގައި ބައެއް އަނިޔާވެރިންނަށް އެއްވެސް ޖަޒާއެއް ނުލިބި އޮންނަ ނަމަ، އެންމެ ފަހުގެ ޢަދުލުވެރިކަމުގެ ހުކުމެއް ޤާއިމުވާން ޖެހޭނެ ކަމެވެ.

ޤުރުއާނުގައި އެކަލާނގެ ވަޙީކުރައްވާ އަންގަވާފައިވަނީ އަޅުތަކުންނަށް އަނިޔާވެރިވެވޮޑިނުގަންނަވާނެ ކަމަށެވެ. އެހެންކަމުން، ނަރަކައަކީ ﷲގެ ޤަދަރުފުޅާއި، ޙިކްމަތްތެރިކަމުގެ ދަށުން، ނުބައި ޢަމަލުތަކުގެ ހައްޤު ޖަޒާ ދެއްވާނެ ތަނެކެވެ. ބުއްދީގެ ގޮތުން ވިސްނާ އިރު، ﷲ އަށް ކާފިރުވުމުގެ ފާފައަކީ އެންމެ ބޮޑު ފާފަ އަށް ވާއިރު އެފާފައަށް ނުފުއްސަވާ އަޒާބު ލިބުމަކީ، އެފާފައިގެ ބޮޑުކަމަށް ބަލާއިރު އެކަށީގެންވާ އިންސާފުވެރި ގޮތްކަން ޤަބޫލުކުރެވެއެވެ.

ކީރިތި ޤުރުއާނުގައި ނަރަކައިގެ ޢަޛާބު ބަޔާންކުރައްވާފައިވަނީ ޢިލްމީ ހަޤީޤަތް ވެސް އޭގައި އެކުލެވިގެންވެއެވެ. މިސާލަކަށް، ޤުރުއާނުގައި ﷲ ތަޢާލާ އަންގަވާފައިވަނީ ނަރަކައިގެ އަހުލުވެރިންގެ ހަންތައް ފިހިގެން ހިނގައްޖެ ކޮންމެ ފަހަރަކު، އަލުން އެހެން ހަންގަނޑަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

މިޒަމާނުގެ ޢިލްމުން (Pain Science) އެނގޭ ގޮތުގައި، ވޭނުގެ އިޙްސާސް އެންމެ ބޮޑަށް ކުރަނީ ހަމުގައި ހުންނަ ނާރުގެ ނިޒާމްގެ (Nerve Receptors) ސަބަބުންނެވެ. ހަންގަނޑު އެއްކޮށް އަނދާ ހުލިވެއްޖެނަމަ، ތަދާއި ވޭނުގެ އިޙްސާސް ކެނޑިގެންދާނެއެވެ. އެހެންކަމުން، ހަންގަނޑު އަލުން އަނބުރާ ގެންނެވުމުގެ ޙަޤީޤަތަކީ، ޢަޛާބުގެ ވޭނުގެ އިޙްސާސް އެއްވެސް ހުސްކަމެއް ނެތި، އަބަދަށް އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓެވުން ކަން މިޒަމާނުގައި ޢިލްމީ ގޮތުންވެސް ދެނެގަނެވެއެވެ.

މި ދުނިޔޭގެ އަލިފާނަކީ ގަސްގަހާގެހިންނާއި މާއްދާތަކުން އުފެދޭ އެއްޗެކެވެ. ނަރަކައިގެ އަލިފާނަކީ މި ދުނިޔޭގެ އަލިފާނަށްވުރެ އެތައް ގުނައެއް ގަދަ އަލިފާނެއް ކަމަށް ޙަދީޘް ބަސްފުޅުތަކުގައި ވެއެވެ. ސައިންޓިފިކް ގޮތުން ބަލާއިރު، ދިރިހުރި އެއްޗެއް ދިގު މުއްދަތަކަށް އަންދާލެވޭނަމަ، އެ އެއްޗެއް ހަލާކުވެ، އެތައް ހާސް ޑިގްރީގެ ހޫނުގައި އެއެއްޗެއްގެ މާއްދީ ބައިތައް އަނދައިހުލިވެގެން ދާނެއެވެ.

ނަމަވެސް، ނަރަކައިގެ އަލިފާނަކީ ﷲ ގެ ކުޅަދުންވަންތަކަމުން ފުރިހަމަ ކުރައްވާފައިވާ ނިޒާމެކެވެ. އެހެންކަމުން ނަރަކައިގެ އަލިފާނަކީ ވޭންދެނިވި އަޛާބުދެއްވުމަށް ޚާއްޞަ ކުރެވިފައިވާ، ދުނިޔޭގެ ޢާދައިގެ މާއްދީ (material) އަލިފާނާއި އެއްގޮތްވުމެއް ނެތް، ދާއިމީ އަލިފާނެކެވެ.

ނަރަކައިގެ ޢަޛާބުގެ މި ބިރުވެރި ތަޞައްވުރުން، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެންމެ މުހިންމު ކަމަކީ،މާތް ﷲ އަނިޔާވެރިވެވޮޑިނުގަންނަވާނެ ކަމެވެ. އެކަލާނގެއީ އެންމެހާ ކަންކަމުގެ މައްޗަށް ޤާދިރުވަންތަ، އަދި ރަޙްމަތްވަންތަ އިލާހެވެ. ނަރަކައިގެ ބިރުވެރިކަމާއި ވޭންދެނިވި އަޛާބުގެ ވާހަކަ ބަޔާންކުރެއްވުމުގެ މަޤްޞަދަކީ، އަޅުތަކުން ފާފަތަކުން ދުރުވެ، ހެޔޮ ޢަމަލުތަކަށް އަވަސްވެގަތުމަށް ބާރުއެޅުމެވެ. އެކަލާނގެއީ ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނެގެއެވެ. ވީމާ ރަޙްމާންވަންތަ އިލާހުގެ ރަޙްމަތްފުޅުން ނަރަކައިން ސަލާމަތްވެ، ސުވަރުގޭގެ ނިޢުމަތް ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެން ނަރަކައިގެ ޢަޛާބުން ރައްކާތެރިކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! އާމީން.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay