logo

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !

profile

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:52

މުޅި ގައުމު ސިއްސައިގެން ދިޔައީ ކުއްލި ގޮތަކަށް ރޭ ދަންވަރު ލިބުނު ހިތާމަވެރި ހަބަރަކުންނެވެ.

https://wamco.com.mv/

އދ ދިގުރަށުގައި ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އަނދައި ހުލިވެ 5 މީހުން މަރުވި ހަބަރު އަޑުއިވިގެންދިޔައީ ކުއްލި ހައިރާން ކަމަކާއެކުގައެވެ.

ގޭސް ލީކެއްވެގެން ހިނގި މި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.

ރާއްޖޭގެ ރަށެއްގައި މިހާ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް މީގެ ކުރިން މާލޭގައި ހަމަ އެކޮމަޑޭޝަން ބްލޮކެއްގައި ގޭސް ލީކެއްވެގެން އެތަކެއް ބިދޭސީންތަކެއް ވަނީ މަރުވެފައެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުންދާއިރު، ސަމާލުކަންދޭންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.

ފުރަތަމަ ކަމަކަށް އެކޮމަޑޭޝަން ބްލޮކެއްގައި އެއް ބަޔަކު ޖެހިޖެހިގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ބިދޭސީން ވިޔަސް ދިވެހިން ވިޔަސް އެއްތަނެއްގައި 20 މީހުން ނުވަތަ 30 މީހުން އެކުގައި ނިދައި ކައިބޮއި އުޅޭއިރު ދަތިތަކެއް ހުންނާނެއެވެ. އިޖްތިމާއީ އަދި ސިއްހީ މައްސަލަތަކެއް ކުރިމަތިވެއްޖެނަމަ ހަމަ ޔަގީނުންވެސް ގިނަ ބަޔަކަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ.

ދިގުރަށުގެ ހާދިސާ އެޗްއާރުސީއެމް އިން ބަލަމުންދާއިރު، ބިދޭސީން ގެންގުޅޭ ފަރާތްތަކާއި ބިދޭސީން އެތެރެކުރާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި ބިދޭސީ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ހިމެނެއެވެ.

ހާދިސާއެއް ހިނގާނީ ކޮން ވަގުތަކު ކަން ނޭނގުނު ނަމަވެސް ހާދިސާ އެއް ހިނގާފާނެ ކަމަށް ރައްކާތެރިވެ ތިބުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އަލިފާން ނިވާ ފުޅިއާއި އަލިފާން ނިވާ އާލަތްތައް ފަސޭހައިން އަތުޖެހޭނެ ގޮތަކަށް ބެހެއްޓުމާއި ކުއްލި ހާލަތުގައި އަމަލު ކުރާނެ ގޮތުގެ ޕްލޭން އެއް ރާވައި ކިޔައިދީފައިވުމަކީ މުހިއްމު ކަމެކެވެ.

ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ އުޅޭ ބީދައިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށް ކުއްލި ހާލަތެއް މެދުވެރިވެދާނެ ކަމަށް ސަމާލުކަން ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް އެފަދަ ހާދިސާތައް ހިނގުމުގައި އިހުމާލުވެފައިވާކަން ހިތާމަ އާއި އެކު ފާހަގަކޮށްލެވެއެވެ. މަސައްކަތް ކުރާ ސައިޓްތަކުގައި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ގާއިމްވެފައި ވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ މަސައްކަތް ކުރުވާ ފަރާތުގެ ޒިންމާއެކެވެ.

އިންސާނީ ކަރާމަތާއި އިންސާނިއްޔަތަށް އިހްތިރާމް ކުރުމުގެ ގޮތުން އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދީފިނަމަ ހަމަ ގައިމުވެސް ހާދިސާތައް ހިނގައި މިންވަރު ކުޑަކުރެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk