
އަލް ހިލާލް އާއި އަލް އިއްތިހާދު ވާދަކުރި މެޗުގެ ތެރެއިން
ޗެންޕިއަން އިއްތިހާދު ބަލިކޮށް އަލް ހިލާލް ތިންވަނައަށް

ހަސަން ޝަމްއޫން - 24 އޮކްޓޯބަރު 2025 - 21:30
ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެންޕިއަން އަލް އިއްތިހާދު އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު އަލް ހިލާލް އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެެވެ.
ލީގުގައި އަލް ހިލާލް އެންމެ ފަހުން ކުޅުނު މެޗުގައި 5-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު އަތުން.މޮޅުވެފައިވާއިރު، ލީގުގައި އަލް އިއްތިހާދުން އެންމެ ފަހުން ކުޅުނު އަލް ފައިހާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އިއްތިހާދުންނެވެ.
ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ އަލް އިއްތިހާދުންނެވެ. އަދި މިހާފުގައި ދެޓީމުން ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު މެޗުގެ 41 ވަނަ މިނެޓުގައި އަލް ހިލާލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑަކީ އަލް އިއްތިހާދުގެ މާލީ މިޑްފީލްޑަރު މުހަމަޑޫ ޑުމްބިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އަލް ހިލާލުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މާކޯސް ލިއަނާޑޯ އެވެ. އަދި މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ލިއޮނާޑޯ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން އަލް ހިލާލްއަށް 14 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އިއްތިހާދުން ލީގުގައި ކުޅުނު ހަ މެޗުން ހޯދި 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

މި އަހަރުގެ ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޑެމްބެލޭއަށް
5 ގަޑިއިރު ކުރިން

ކޮޕާ ޑެލް ރޭ: ގުއަޑަލަހަރާ އަތުން ހަނިގޮތަކަށް މޮޅުވެ ބާސެލޯނާ ދެވަނަ ބުރަށް
12 ގަޑިއިރު ކުރިން

އީއެފްއެލް ކަޕް: ގަނާޗޯގެ ދެލަނޑާއެކު ކާޑިފް ބަލިކޮށް ޗެލްސީ ސެމީފައިނަލުން ޖާގަ ހޯދައިފި
13 ގަޑިއިރު ކުރިން

ފީފާ އަރަބް ކަޕް 2025: ސައުދީ ކަޓުވާލުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ ޖޯޑަން އިން ހޯދައިފި
2 ދުވަސް ކުރިން


