logo
އަލް އަހްލީ އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިން..

އަލް އަހްލީ އާއި އަލް ނަސްރު ވާދަކުރި މެޗުގެ ތެރެއިން..

ރޮނާލްޑޯ އަދި ކޯމަންގެ ލަނޑުތަކާއެކު އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ހޯދުމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފި

profile

ހަސަން ޝަމްއޫން - 30 އޭޕްރީލު 2026 - 11:04

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އަލް އަހްލީ ބަލިކޮށް އަލް ނަސްރުން ލީގު ޗެމްޕިއަންކަމާއި ފިޔަވަޅެއް ކައިރިއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން އަލް އިއްތިފާގު އަތުން މޮޅުވެފައިވާއިރު. މިއީ ލީގުގައި އެޓީމު ޖެހިޖެހިގެން މޮޅުވި 16 ވަނަ މެޗެވެ. އަދި އަލް އަހްލީ އިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އަލް ފައިހާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އަހްލީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 26 މެޗުގައި އޭނާ ކާމިޔާބުކުރި 25 ވަނަ ލަނޑެވެ. މީގެ އިތުރުން މިއީ އުމުރުން 41 އަހަރުގެ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 970 ވަނަ ލަނޑެވެ.

އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 30 މެޗުން އަލް ނަސްރަށް 79 ޕޮއިންޓް ލިބިފައިވާއިރު. ދެވަނައިގައި އޮތް އަލް ހިލާލްއަށް 29 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އަލް އަހްލީ އިން ލީގުގައި ކުޅުނު 29 މެޗުން ހޯދި 66 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk