
މިފްކޯއިން ދ. ބަނޑިދޫގައި ގާއިމްކުރި އައިސްޕްލާންޓް ހުޅުވައިފި

ޝަހްޒާ މުޙައްމަދު - 30 އޮކްޓޯބަރު 2025 - 17:53
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ދ. ބަނޑިދޫގައި ޤާއިމުކުރި 30 ޓަނުގެ އައިސް ޕްލާންޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޕްލާންޓް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްސްޓަރ އަޙްމަދު ޝިޔާމެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޝިޔާމްގެ އިތުރުން މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބަނޑިދޫގައި ޤާއިމުކުރި މި އައިސް ޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ހުރި ޕްލާންޓެކެވެ. މީގެ އިތުރުން، މި ޕްލާންޓުގައި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ވެސް ހިމެނެއެވެ. މިއީ ދ. އަތޮޅުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.
މަސްވެރިކަން ކުރާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސް ރައްކާތެރިކުރުމަށް ބޭނުންވާ އައިސް ފަސޭހައިން ނުލިބުމުގެ މައްސަލައެވެ. މިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަވަމުންނެވެ. ބަނޑިދޫގެ އައިސްޕްލާންޓަކީ ވެސް މަސްވެރިކަން ކުރާ ސަރަހައްދުތަކުގައި އައިސްގެ ޚިދުމަތް ފުޅާކުރުމުގެ ސަރުކާރުގެ ޕްލޭނުގެ މުހިންމު ބައެކެވެ.
ސަރުކާރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދާއިރު، މިހާރުވެސް ރާއްޖޭގެ 25 ރަށެއްގައި އައިސް ޕްލާންޓުތައް ގާއިމްކޮށްފައިވެއެވެ. މިފަދަ ޕްލާންޓްތައް އިތުރުކުރުމުގެ މަޤްޞަދަކީ މަސްވެރިންނަށް އެމީހުންގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރު އާމްދަނީއެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ.
ސަރުކާރުން މިހާރު ދަނީ ފެނަކަ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރަމުންދިޔަ އައިސްޕްލާންޓްތައް ވެސް މިފްކޯއާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.





