މިސަރުކާރުން ގާއިމުކުރި ފުރަތަމަ އައިސް ޕްލާންޓްގެ ހިދުމަތް، ރަސްމީކޮށް ފައްޓަވައިދެއްވައިފި

ޝަހްޒާ މުޙައްމަދު - 16 އޮކްޓޯބަރު 2025 - 05:10
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓުގެ ހިދުމަތް، ށ. ފުނަދޫގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
30 ޓަނުގެ މި އައިސް ޕްލާންޓުގެ ހިދުމަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފުނަދޫގައިވަނީ، އެމަނިކުފާނުގެ ރިޔާސީ ވައުދުތަކާ ގުޅުންހުރި ބޮޑެތި ބައެއް މަޝްރޫޢުތައް އިފުތިތާޙުކުރައްވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. އެގޮތުން، ފުނަދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކުރައްވާފައިއެވެ. އަދި ، ރައީސްއެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ، ފުނަދޫގެ މަގުތައް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ގާއުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ފުނަދޫގައި ޤާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމާއި، ފުނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ފުނަދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، އަދި ފުނަދޫގައި އިސްލާމީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި، ސޮއިކުރައްވާފައެވެ.
ފުނަދޫގައި އޮތް ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުތަކާއި، ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ގުޅުންހުރި އިތުރު ތަފްސީލުތައް ރައްޔިތުންނާ ހިއްސާކުރައްވާފައިވެއެވެ.
ފުނަދޫގައި ގާއިމްކޮށްފައިވާ އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދާ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސް ޕްލާންޓެކެވެ.
މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ހަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެވަޑައިގެންފި
7 ދުވަސް ކުރިން

އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ލެބޯޓަރީއެއް ހުންނާނެ: ރައީސް
21 ދުވަސް ކުރިން

މިހާތަނަށް 49 މަސްވެރިޔަކަށް ލޯނު ދޫކޮށްފި
24 ދުވަސް ކުރިން

ފަލަސްޠީނުގެ މިނިވަން ދުވަހު ރައީސް ދެއްވީ ފަލަސްޠީނު ރައްޔިތުންނާއެކު ތިބޭނެކަމުގެ ޔަޤީންކަން
24 ދުވަސް ކުރިން


