
އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގައި ލެބޯޓަރީއެއް ހުންނާނެ: ރައީސް

ޝަހްޒާ މުޙައްމަދު - 18 ނޮވެމްބަރު 2025 - 08:10
އަންނަ އަހަރު ނިމޭއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ހިދުމަތް ގާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެކަށީގެންވާ ލެބޯޓަރީ ޓެސްޓުތައް ހެދޭނެ އިންތިޒާމު ގިނަ ރަށްރަށުގައި ނެތުމަކީ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.
އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން،ރައްޔިތުން ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ.
މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ، އަންނަ އަހަރު ނިމިގެންދާއިރު ކޮންމެ ރަށެއްގެ އާބާދީގެ ނިސްބަތުން އެރަށެއްގައި ލެބޯޓަރީގެ ހިދުމަތް ލިބެން ހުންނާނެކަމަށެވެ. އެގޮތުން މިހާރު ހުރި ލެބޯޓަރީތައް އަޕްގްރޭޑްކުރެވި، އެތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތަކާއެކު ކޮންމެ ރަށެއްގައިވެސް މިހިދުމަތްފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރައްވަމުންދާކަމަށެވެ. އަދި އަންނަ އަހަރު އެމްބިއުލާންސްގެ ޚިދުމަތް އެއްގަމާއި ކަނޑުން އަދި ވައިގެ މަގުންވެސް ފުޅާކުރައްވާނެކަމަށް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާގެ ގިނަ ކަންކަން ބޮއްސުންލައިގެން ގޮސްފައިވަނީ އެދާއިރާ ވީރާނާވާން ދޫކޮށްލާފައި ގިނަ ޒަމާންތަކެއް ވަންދެން އޮތުމުންކަމަށެވެ. އެކަން ބަދަލުކޮށް މިދައުރު ނިމިގެންދާއިރު ސިއްޙީ ދާއިރާއިން ބޮޑު ބަދަލެއް ފެނިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްއެމްއައިގެ 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ރައީސް ބައިވެރިވެވަޑައިގެންފި
7 ދުވަސް ކުރިން

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަރުދަން ލުއިކުރާ ސާޖަރީ ފަށައިފި
7 ދުވަސް ކުރިން

އޭދަފުށި އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފި
9 ދުވަސް ކުރިން

މާލޭގައި އަލަށް ހުޅުވި ޕްރައިމަރީ ހެލްތު ސެންޓަރުން ހިދުމަތް ދޭން ފަށައިފި
17 ދުވަސް ކުރިން


