
މަނީލޯންޑަރިންގެ ބޮޑެތި ވައްކަންތަކެއް- 53 ބޭންކް އެކައުންޓް ފްރީޒްކޮށްފި

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 19:18
ފުލުހުންގެ ޓީމުން ހިންގާ ހާޢްސަ އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" ގައި މަނީ ލޯންޑަރިންގެ ބޮޑެތި ވައްކަންތަކެއް ފަޅާއަރުވާލައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގަ އެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި ޝެވޯނާ އުމުރުން 28 އަހަރުގެ ޝައްފާހު ލަތީފާއި، ގއ.ވިލިނގިލި، މިޔުޒިކީއާގެ އުމުރުން 33 އަހަރުގެ އަހުމަދު މަދީހު އާއި، ހަމަ އެރަށު އައިޒަން އުމުރުން 30 އަހަރުގެ އަޙްމަދު އަނާމް އިބްރާހީމް އާއި، އެރަށު އަރާއިރުގެ އުމުރުން 35 އަހަރުގެ ނޫރުއްނިޡާމް އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި އެވެ. އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފައެވެ.
މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެއެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި މި މުއްދަތުގައި ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި ދައުރުކޮށްފައިވެ އެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި ތިރީސްއަށް މިލިން އަށް ލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި ދައުރުކޮށްފައިވެ އެވެ.
އަދި، ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި ދައުރުކޮށްފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވެއެވެ.






