logo

ބުއްދި އާއި ސައިންސްގެ އަލީގައި ﷲގެ އެއްކައުވަންތަކަމުގެ ވަރުގަދަ ހެކިތައް

profile

މުހައްމަދު މުޝްރިފް - 13 ނޮވެމްބަރު 2025 - 03:13

މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ވަރުގަދަ އަދި އެންމެ އަސާސީ ޢަޤީދާއަކީ ﷲ އީ އެއްކައުވަންތަ އިލާހު ކަން ތެދުކޮށް ޤަބޫލު ކުރުމެވެ. މިޢަޤީދާއަކީ ހަމައެކަނި މުސްލިމުން ޤަބޫލުކުރާ ޤަބޫލުކުރުމެއް ނޫނެވެ. މިއީ މުޅި ކައުނުގެ ޙަޤީޤަތަށް ބަލައި، ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް ވެސް ޤަބޫލުކުރަން މަޖުބޫރުވާ ފަދަ ޢިލްމީ އަދި ލޮޖިކަލް ހަޤީޤަތެކެވެ.

https://wamco.com.mv/

އިސްލާމްދީނުގައި ބުއްދިއަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. ޤުރްއާނުގެ އެތައް އާޔަތެއްގައިވަނީ ކައުނުގެ ނިޒާމާއި، އިންސާނާގެ އުފެދުމާއި، ދުނިޔޭގައި ހިނގާ ކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް އަމުރުކުރައްވާފައެވެ. އެހެނީ، އިންސާނާގެ ބުއްދިއަކީ ﷲ ގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަން ހާމަކޮށްދޭ އެންމެ ފާޅުކަންބޮޑު ދަލީލުތަކުގެ ތެރެއިން އެއް ދަލީލެވެ.

ބުއްދީގެ ދަލީލު (Logic): ނިޒާމުގެ ހަމަޖެހުމުގެ ސިއްރު

ދުނިޔޭގެ އެންމެ ކުޑަ ލޮލަށް ނުފެންނަ ކުނޑިކޮޅުގެ ތެރޭގައި ވެސް ފުރިހަމަ ހަމަޖެހުމެއް ވާކަން އެއީ އޮޅުމެއް ނެތް ހަޤީގަތެކެވެ.

  1. ޚާލިޤަކާ ނުލައި އެއްވެސް ކަމެއް ނިހިނގާނެ: އިންސާނުންގެ ބުއްދިއަށް އެނގޭ ގޮތުގައި، ޚާލިޤަކާ ނުލައި އެއްވެސް އެއްޗެއް އަމިއްލައަށް ވުޖޫދެއް ނުވާނެއެވެ. ސްމާޓް ފޯނެއް ނުވަތަ ބޮޑު އިމާރާތެއް އޭގެ ޒާތުގައި އަމިއްލައަށް އުފެދިގެން ނާންނާނެ ފަދައިން، މިހާ ފުރިހަމަ ކައުނެއް އެއްވެސް ވެރިއަކާ ނުލައި ވުޖޫދަށް އައުމަކީ ބުއްދި ޤަބޫލުކުރާނެ ކަމެއް ނޫނެވެ. ވީމާ، މިއީ ބާރުވެރި ހަމަ އެންމެ ފަރާތެއްގެ ކުޅަދުންވަންތަކަމުން ވާ ކަމެއް ކަން ބުއްދި ގަބޫލު ކުރެއެވެ.
  2. ގިނަ އިލާހުންތަކެއް ވާ ނަމަ: އެއްކައުވަންތަކަމުގެ އެންމެ ވަރުގަދަ ލޮޖިކަލް ދަލީލަކީ ދެ އިލާހުން ނުވަތަ އެއަށްވުރެ ގިނަ އިލާހުން މި ކައުނުގެ ކަންކަން ހިންގަވާނަމަ، އެކަލާނގެތަކުގެ މެދުގައި ބާރުގެ ގޮތުން ނުވަތަ އިރާދައިގެ ގޮތުން އިޚްތިލާފު އުފެދޭނެ ކަމެވެ. މިސާލަކަށް، އެއް އިލާހު ބޭނުންފުޅުވީ އިރު އަރަން ކަމަށް ވެފައި، އަނެއް އިލާހު ބޭނުންފުޅުވީ އިރު ނާރަން ކަމަށް ވެއްޖެނަމަ، ކައުނުގެ ނިޒާމު ފުނޑުފުނޑުވެ ފަސާދަވެ ހިނަގއިދާނެއެވެ. ނަމަވެސް މިހާ ފުރިހަމަ ހަމަޖެހުމެއްގައި އިންތިޒާމުވެގެން ކައުނު ހިނގަމުންދާތީ، މިއީ ހަމައެކަނި އެއްކައުވަންތަ އެންމެ އިލާހެއްގެ ޤުދްރަތްތެރިކަމަށް ވުން ލާޒިމުކުރެއެވެ.

ސައިންސްގެ ނަޒަރުން އިލާހީ އެއްކައުވަންތަކަން: ކައުނުގެ އެއްބައިވަންތަކަން

ސައިންސުގެ އެންމެ އަސާސީ ދިރާސާތަކުން ވެސް ފެންނަ މައިގަނޑު ހަމައަކީ ކައުނުގެ އެއްބައިވަންތަކަމެވެ. ނުވަތަ އެކުލެވިގެންވާ ތަރުތީބުގެ އެއްގޮތް ކަމެވެ.

  1. އެއް ތަރުތީބަކާއި އެއް ނިޒާމު: މިއޮތް ބޮޑު ބިޔަ ކާއިނާތުގައި ހިމެނޭ ބޮޑެތި ގެލެކްސީތަކުން ފެށިގެން، އެންމެ ކުޑަ އެޓަމްތަކާ ހަމައަށް ތަރުތީބުވެގެން ހިނގާ ކައުނުގެ އެންމެހާ ނިޒާމުތައް (Laws of Physics) ހުރިހާ ތަނެއްގައި ވެސް ހިނގަނީ އެއްގޮތަކަށް އެއްތަރުތީބަކުން ކަން ސައިންސުން ސާބިތުކޮށްދެއެވެ. އެއް ޤާނޫނަކަށް ބޯލަނބާ މިފަދަ ބޮޑު ނިޒާމެއް އެއް ތަރުތީބަކަށް ޤާއިމުވެފައި ވުމަކީ، ބާރުގަދަ އެންމެ ފަރާތެއްގެ ހިކުމަތްތެރިކަމާއި ޤުދްރަތްތެރިކަން ސާބިތުކޮށްދޭ ފާޅުކަން ބޮޑު އަލިގަދަ ހެއްކެކެވެ.
  2. ފުރިހަމަ ބެލެންސް: ދިރާސާތަކުން އެނގޭ ގޮތުގައި، ކައުނުގައި ހިމެނޭ (ދަމާބާރު ނުވަތަ ގްރެވިޓީ ފަދަ) އަސާސީ ބާރުތަކުގެ މިންތައް ވެސް ވަނީ ފުރިހަމައަށް ބެލެންސްކުރެވިފައެވެ. މި ބާރުތަކުގެ މިންތައް ކުޑަކޮށް ނަމަވެސް ތަފާތުވެއްޖެނަމަ، ތަރިތަކެއް އުފެދުމެއް ނޯންނާނެއެވެ. ދިރިއުޅުމެއް ވުޖޫދެއް ނުވާނެއެވެ. މިފަދަ އަޖައިބު ކުރުވަނިވި ބެލެންސެއް ހުރިހާ ތަނެއްގައި ވެސް ޤާއިމުވެފައި ވުމަކީ، އެއްކައުވަންތަ، މޮޅަށް ދެނެވޮޑިގެންވާ، ޙިކްމަތްތެރި ފަރާތެއްގެ ރޭއްވެވުމެއް ކަމަށް ބުއްދި ޤަބޫލުކުރެއެވެ.

ޚުލާޞާ: ދެ ޢިލްމުގެ ހެކިވުން

ތައުޙީދު ނުވަތަ ﷲ އެއްކައުވަންތަކަމަކީ އިސްލާމް ދީނުގެ އެންމެ މުހިއްމު އަސާސެވެ. ހަމައެއާއިއެކު އެއީ ބުއްދީގެ އަލީގައި ވިސްނާއިރު އެންމެ ރަނގަޅު، އެންމެ ފުރިހަމަ އަދި އެންމެ ދެކޮޅުޖެހޭ ވިސްނުމެވެ. އަދި ކައުނުގެ ޢިލްމު ދިރާސާކުރާއިރު ސައިންސުގެ އަލީގައި އެންމެ ގަދަފަދަ ހެކިތައް ލިބޭ ޙަޤީޤަތެވެ. މި ދެމަގުން ވެސް ﷲގެ އެއްކައުވަންތަކަން ކަށަވަރުކޮށްދެއެވެ.

ކީރިތި ޤުރްއާނުގެ މި އާޔަތުން މި ޙަޤީޤަތް ވަރަށް ރަނގަޅަށް ސާބިތުކޮށްދެއެވެ. މާތް ﷲ ވަހީ ކުރެއްވިއެވެ.

﴿ لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ ﴾

މާނައީ: "އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إله ންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ، އެއުރެން އެ ސިފަކޮށް ބުނާކަންތަކުން، ޢަރްޝްގެ ގެވެރި اللَّه، ހުސްޠާހިރު ވެވޮޑިގެންވެއެވެ." (ސޫރަތުލް އަންބިޔާ: 22)

https://wamco.com.mv/
https://eportal.mwsc.com.mv/e-pay