logo

ޤުރުއާން އުނގަންނައި ދިނުމުގައި ސަމާލުވާންވީ ކަންކަން

profile

ޒިދާން މުޙައްމަދު - 11 ސެޕްޓެމްބަރު 2025 - 05:52

އެންމެ ތެދު އަދި އެންމެ ހެޔޮ ބަހަކީ މާތް ﷲގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲގެ ވަޙީ ބަސްފުޅެވެ. އިސްލާމްދީން ބިނާވެފައިވާ ދުސްތޫރެވެ. އެއީ އަޅުވެރި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އެއީ ޢާލަމްތަކުގެ ހިދާޔަތެވެ. އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ.

https://wamco.com.mv/

ކީރިތި ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ.

މާތްﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ.

” خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ ” (رواه البخاري)

މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.”

ފަޚުރުވެރިވުމެއް ނެތި ޤުރުއާން ރީތިކޮށް ކިޔެވުމަށާއި ތަޖުވީދަށް ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރު އަޅުއްވާފައިވެއެވެ. މާތްﷲ ރުއްސުންލެއްވި أُبَيُّ بن كَعْب އަކީ ޞަޙާބީންގެ ތެރޭގައި ހުންނެވި އެންމެ މަޝްހޫރު ޤާރީއެވެ. އެއްދުވަކު އެކަލޭގެފާނަށް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރެއްވިއެވެ.

” ހަމަކަށަވަރުން الله تعالى، ތިބާގެ ކުރިމަތީގައި ޤުރުއާން ކިޔަވައި ވިދާޅުވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރައްވައިފިއެވެ. أبيّ بن كعب ވިދާޅުވިއެވެ. الله تعالى ހަމަ އަހުރެންގެ ނަންގެންނެވިތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. أبيّ بن كعب ވިދާޅުވިއެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި އަހުރެންގެ ނަން ހަމަ ޛިކުރުކުރެވިއްޖެތޯއެވެ؟ ޙަދީޘްފުޅުކުރެއްވިއެވެ. އާއެކެވެ. އެހިނދު أبيّ އެކަމަށް އުފާފުޅު ކުރައްވާ ދެލޯފުޅުން ކަރުނަ އެޅުއްވިއެވެ.”

އެހެން ރިވާޔަތެއްގައި ވެއެވެ.

” އެހިނދު އެކަލޭގެފާނު އެކަމަށް އުފާފުޅު ކުރައްވާ ކީރިތިކުރައްވަން ފެއްޓެވިއެވެ.” (متّفق عليه)

އިސްވެދިޔަ ޙަދީޘްފުޅު، ރީތިކޮށް ޤުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް އިޝާރަތް ކުރެއެވެ. ފަހެ ޤުރުއާން ކިޔެވުމުގެ މާހިރުކަން ޙާޞިލްކުރުން މުސްތަޙައްބު ވެގެންވެއެވެ. ނަމަވެސް ދެއްކުންތެރިކަމެއް އަދި ފަޚުރުވެރިވުމެއް އެކަމުގައި ނުވާނަމައެވެ. رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ.

” الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ ” (متّفق عليه)

މާނައީ: ” ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ.”

ރީތިކޮށް ރާގުގައި ޤުރުއާން ކިޔެވުމަކީ ޤުރުއާނުގެ އަޘަރު އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް ރާގުގައި ކިޔަވާއިރު ނަފްސަށް ތަކުލީފު ދީގެން ކިޔެވުން ރަނގަޅުވެގެން ނުވެއެވެ.ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅެވެ. އެކަލާނގެ ކަލާމްފުޅު ރިވެތިކޮށް، ތަޖުވީދުގެ މަގުން، ތަރުތީލުކޮށް ކިޔެވެނިކޮށް އަޑުއެއްސެވުމަށް އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ. رسول الله صلّى الله عليه وسلّم، حديث ފުޅުކުރައްވާފައިވެއެވެ.

” ماَ أَذِنَ اللهُ لِشَيْءٍ ماَ أَذِنَ لِنَبِيٍّ يَتَغَنَّى بِالْقُرْآنِ ” (متّفق عليه)

މާނައީ: ” الله تعالى،އެކަލާނގެ ނަބިއްޔާ ރާގުގައި ޤުރުއާން ކިޔަވައި ވިދާޅުވަނިކޮށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިގެންވާވަރަކަށް އެހެންއެއްޗަކަށް ޝައުޤުވެރިކަމާއެކު އައްސަވައިވޮޑިނުގަންނަވައެވެ.”

ޤުރުއާން ކިޔަވާއިރު ރާގެއްނެތިއްޖެނަމަ ޤުރުއާނުން، މީސްތަކުންގެ ހިތްތަކަށް ކުރަންޖެހޭ ފުރިހަމަ އަޘަރެއް ނުކުރާނެއެވެ. އެއާޚިލާފަށް ތަޖުވީދުގެ މަގުން ތަރުތީލުކޮށް ރީތި ރާގެއްގައި ޤުރުއާން ކިޔަވައިފިނަމަ މީސްތަކުންގެ ހިތްތަކަށް ފުރިހަމައަށް އަޘަރުކުރާނެއެވެ. ޤުރުއާން، ރިވެތިކޮށް ރާގުގައި ކިޔެވުމަށް رسول الله صلّى الله عليه وسلّم ވަރަށް ބާރުއަޅުއްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.

” لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ ” (رواه البخاري)

މާނައީ: ” ރިވެތިކޮށް ރާގުގައި ޤުރުއާން ނުކިޔަވާ މީހާ ފަހެ އަހުރެމެންގެ ތެރެއިން ނުވެއެވެ.”

ދަރިން ޅައުމުރުގައި ޤުރުއާން ކިޔެވަން ދަސްކޮށްދެއްވުމަކީ ވަރަށް މުހިންމުކަމެކެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ރަނގަޅުގޮތަށް ޤުރުއާން ދަސްކޮށްދެއްވުމަށް ސަމާލުކަންދެއްވުން މުހިންމެވެ. ސަބަބަކީ އަކުރުތަކުގެ މަޚުރަޖާއި ، ތަޖުވީދުގެ ޤަވާއިދުތައް ޅައުމުރުގައި ދަސްކޮށް ކިޔެވުމުގައި އެބައިތައް އަދާކުރުމުގެ އާދަކުރެވިއްޖެނަމަ އަބަދުވެސް އެގޮތަށް ކިޔެވުން ކުރިޔަށްގެންދެވޭނެތީއެވެ. އެއާއި ޚިލާފަށް ޅައިރު އެގޮތަށްއާދަނުވެއްޖެނަމަ، ފަހުން އެ އާދަ ބަދަލުކުރުމަށް ވަަށް ދަތިވާނެތީއެވެ.

ޤުރުއާން ކިޔަވައިދިނުމަކީ ، ދަސްކޮށް ދިނުމަކީ އަޅުގަނޑުމެންގެހަމަކޮންމެމީހެއްގެވެސް ޒިންމާއެކެވެ. އަދި ކޮންމެމީހަކުވެސްދިރިއުޅުމުގައި ހަމަކޮންމެ ދުވަހަކުވެސް ޤުރުއާނުގެ މިންވަރެއް ކިޔެވުމަށްސަމާލުކަން ދިނުމަކީ މުހިންމުކަން ބޮޑުކަމެކެވެ. ޚާއްޞަޮށް ސްކޫލުތަކުގެ ދަރިވަރުން މިކަމަށް ސަމާލުކަންދިނުން ވަރަށް މުހިންމެވެ.

https://wamco.com.mv/
https://www.aslu.com.mv